ރ. މަޑުއްވަރީން ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ރަށް ވެސް މޮނިޓަރިން އަށް ލައިފި އެވެ.

މަޑުއްވަރީ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު އަތީފު ވަނީ މިރޭ އެކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އަތީފް ވިދާޅުވީ އޭނާ އަށް ޕޮޒިޓިވް ނަތީޖާ އަކާއި ނެގެޓިވް ނަތީޖާ އެއް ލިބުނު ކަމަށާއި ނަމަވެސް އެ ނަތީޖާ އަކީ ޕޮޒިޓިވް ނަތީޖާއެއް ކަމަށް ބަލައި އެޗްޕީއޭ އިން އެރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

ޕޮޒިޓިވް ވި މީހާ އަކީ މިފަހުން ރަށަކަށް ދަތުރު ކުރި މީހެއްކަން ނުވަތަ ދަތުރުކޮށްފައި ނުވާ މީހެއްކަންވެސް އަދި ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބަލި ޖެހުނު ގޮތާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިއާއެކު ރާއްޖެއިން 32 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފަ އެވެ. ރާއްޖޭގައި މިބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިއަދު އެކަނިވެސް ރާއްޖޭގެ ތިން ސަރަހައްދަކުން ތިން މީހަކު ވަނީ މިބަލީގައި މަރުވެފަ އެވެ.