ރާއްޖޭގައި ކޮވިޑުގެ އިތުރު ވޭރިއެންޓެއް އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ބަލީގައި ހާލު ދެރަވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ، ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އުމުރުން ހަގު މީހުން ހިމެނޭ ކަމަށާއި އެއީ ބަލީގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
ޑރ. މުރާދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު ރާއްޖޭގައި އާ ވޭރިއަންޓެއް އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ބަލީގެ ޓްރެންޑަށް ބަލާއިރު ކްލިނިކަލީ ގަބޫލު ކުރެވޭ އާ ވޭރިއަންޓެއް އުޅޭ ކަމަށް. މީގަ ޔަގީން ނުވާ ކަމަކީ ރާއްޖޭގައި އުޅެނީ ކޮން ވޭރިއަންޓެއްކަން." ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދުގެ އިތުރުން ޑރ. މުހައްމަދު އަލީވެސް ވަނީ ރާއްޖޭގައި އާ ވޭރިއަންޓެއް އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އާ ވޭރިއަންޓުގެ ނުރައްކާ އެތައް ގުނައެއް ބޮޑުކަމަށް ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެއާއި މިއަދު 1،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު