މިވަގުތު ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ ތެރޭގައި 238 ކުއްޖަކާއި 65 އަހަރުން މަތީގެ 36 މީހަކު ހިމެނޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 238 ކުއްޖަކު ހިމެނޭ ކަމަށެވެ.

"މީގެ ތެރޭގައި އެބަ ހިމެނޭ 18 އަހަރުން ދަށުގެ 238 ކުއްޖަކާއި 65 އަހަރުން މަތީގެ 36 މީހުން،" މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެއާއި މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުން އުޅެނީ 1،000 އިން މަތީގައެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހިގެން 244 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރާއްޖޭގައި މިހާތަނަށް 37،019 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 26،547 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި 87 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.