ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާ ކޮވިޑަށް ފަރުވާދިނުމަށް ހުޅުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާތީ ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާވެސް ކޮވިޑަށް ހާއްސަކޮށް ހުޅުވާލައިފައިވާ ކަމަށެވެ.

"ޑީއެޗް-17 ވެސް މިވަނީ ކޮވިޑުގެ ފަރުވާއަށް ހުޅުވާލެވިފައި. އެތާނގައި އަށް ނަރުހުން މަސައްކަތް ކުރާނެ،" މަބްރޫކް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލައާއި 16 ވަނަ ފަންގިފިލާ މިހާރުވެސް އަންނަނީ ކޮވިޑުގައި ހާލު ދެރަވާ މީހުން އެނދުމަތިކުރުމަށް ބޭނުންކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑުގެ ނަންބަރުތައް އިތުރުވެ، ހޮސްޕިޓަލު އެނދުތައް ފުރޭތީ ހުޅުމާލެ ހޮސްޕިޓަލް ޑައުންގްރޭޑްކޮށް ކޮވިޑަށް ހާއްސަކުރުމަށްވެސް ވަނީ ނިންމައިފައެވެ. އަދި ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އެނދުތައް އިތުރުކުރުމަށްވެސް ވަނީ ނިންމައިފައެވެ.