ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި އޭނާގެ ޣައިރު ހާޒިރުގައި ނުބެލެނޭ ކަމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާ ގުޅިގެން އެ ދުވަހުން އެދުވަހަށް އަލީ ވަހީދު ވަނީ ތުރުކީ އެއާލައިނުން ރާއްޖޭން ބޭރަށް ފުރައިފައެވެ. އެކަމާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އޭނާގެ ޣައިރު ހާޒިރުގައި ކުރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވިގެން، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ނަމަވެސް އެ މައްސަލައިގައި، އަލީ ވަހީދަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އާއި އަލީ ވަހީދު ދިރިއުޅޭ ތަނެއް ހޯދިފައި ނުވާތީ އެ މައްސަލައިގެ ފޯމު ބާތިލުކޮށް، މިދިޔަ މަހު ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ. އެކަމާ ގުޅިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ހައި ކޯޓުން ދައުވާ ފޯމު ބާތިލުކުރީ އަލީ ވަހީދާ ގުޅޭނެ ކަމަށް ބުނެ ދީފައިވާ ނަންބަރުތަކާއި އީމެއިލް އެޑްރެހުން ވެސް އޭނާއާ މުއާމަލާތް ކުރެވިފައި ނުވާތީ އާއި މީގެ ކުރިން، ޣައިރު ހާޒިރުގައި ޖިނާއީ ދައުވާތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކަނޑައަޅާފައިވާ ހުކުމަކާ ހަވާލާދީފައެވެ.
ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ މި މައްސަލައިގައި އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ، އޭނާގެ މައްޗަށް ދައުވާތަކެއް އުފުލިފައިވާކަން އެނގޭ ހާލު، އޭނާއާ ގުޅޭނެ ގޮތެއް، އަދި ފުރައިގެން ދާތަނުގެ ތަފުސީލެއް ކޯޓަށް ނުވަތަ އެއްވެސް ފަރާތަކަށް ހިއްސާކުރުމަކާ ނުލައި ކަމަށެވެ. އަދި އޭނާއާ ގުޅޭނެ މައުލޫމާތެއް މި މައްސަލައިގައި އޭނާއާ ޖާމިނުވި ފަރާތާވެސް ހިއްސާކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންކަމުން އަލީ ވަހީދުގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގު އޭނާއަށް ލިބިގެންވާ ފަދައިން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީވެސް އެ ހައްގާ ވަކި ނުކުރެވޭނެ ދެ އަސާސްކަމުގައިވާތީ، އޭނާއާ ގުޅޭ މައުލޫމާތު ހިއްސާނުކުރުމަކީ އިންސާފަށް ހުރަސްއެޅުން ކަމަށާއި މި ހާލަތުގައި އަލީ ވަހީދު އޭނާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ދޫކޮށްލީ ކަމުގައި ބަލަންޖެހޭނެ ކަމަށެވެ. އަދި މިކަމުގެ މިސާލެއްގެ ގޮތުން ގާނޫނީ ވަކީލެއްގެ ހައްގު ދައުވާ އުފުލިފައިވާ ފަރާތަކުން ދޫކޮށްލުމުން އެކަމުގެ މައްޗަށް އަންނަ ގާނޫނީ ނަތީޖާތައް ބަޔާން ކޮށްދީފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައިވާ ގޮތުން މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމަކީ ކުށެއްގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެހެންކަމުން މިއީ އަސާސީ ހައްގަކަށްވުމުން މި ހައްގުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ.
ހައި ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށްފަހު ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި ޖިނާއީ މައްސަލައެއްގައި ކޯޓަކުން ނެރެފައިވާ އަމުރަކާ ގުޅިގެން ހިންގޭ އިސްތިއުނާފީ ޝަރީއަތުގެ މަޖިލީހެއް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދާނަމަ، އެކަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ހުއްދަކޮށްފައި އޮންނަންވާނެ ކަމަށެވެ. މިއީ ގާނޫނީ މާއްދާތަކެއް މާނަކޮށްގެން ކުރުން ގާނޫނުއަސާސީ ހުއްދަކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ހުކުމުގައިވެއެވެ.
ހުކުމުގައި ވަނީ މި މައްސަލައާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައާއި މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ މާއްދާއެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.
މި ހާލަތަކީ އެ މީހަކު އިހުތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ހައްގާއި އެ މީހަކު އިހުތިޔާރުކުރާ ގާނޫނީ ވަކީލަކާ މަޝްވަރާކުރުމުގެ ފުރުސަތު ލިބިދިނުމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހާލަތާ އަޅައި ކިޔޭނެ ހާލަތެއް ނޫން ކަމަށެވެ. އެއީ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލުންނާ ގުޅޭ ހައްގުތައް ބަޔާންކުރުމުގައި އެ މީހެއްގެ "އިހުތިޔާރު" އޮތުން އެ މާއްދާގައި ލާޒިމުކޮށްފައިވާތީ ކަމަށް ހުކުމުގައިވެއެވެ.
އެހެންކަމުން ހައިކޯޓުން ދައުވާ ފޯމު ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށްވެސް ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު