މިއަދު ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލްތަކުގެ ތެރޭގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ނެގުނު ސާމްޕަލްތައް ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މިއަދުގެ ކޮވިޑް ނަންބަރުތައް އިތުރުވީ ނަތީޖާތައް ލިބުމުގެ ބެކްލޮގެއް އުޅޭތީ ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ބެކްލޮޖެއް އުޅޭ ކަމަށް ވިދާޅުވިއެވެ.

"ބެކްލޮގުގައި މިވަގުތު އޮތް އަދަދަކީ 3،714 ސާމްޕަލް،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ބޮޑު ބެކްލޮޖެއް އޮތީ އައިޖީއެމްއެޗުގައި ކަމަށާއި އެގޮތުން އެ ހޮސްޕިޓަލުގައި ނަތީޖާ ނުލިބޭ 3،398 ސާމްޕަލް އެބަހުރި ކަމަށެވެ.

މި ފަހަކަށް އައިސް ކޮވިޑުގެ ނަންބަރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިއަދު އެކަނިވެސް 1،091 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.