ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު 307 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 307 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 26،299 އަށް އަރާފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ބަލިން ފަސޭހަވި ދުވަހެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 1،091 މީހެކެވެ. އެއީ މާލެ ސަރަހައްދުން 933 މީހަކާއި އަތޮޅުތެރެއިން 147 މީހަކާއި ރިސޯޓުތަކުން ހަ މީހަކާއި ސަފާރީން ތިން މީހަކާއި ސިނާއީ ރަށްތަކުން ދެ މީހެކެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އިއްޔެ 500 އަށް އަދަދު ދަށްވި ނަމަވެސް، މިއަދު މިވަނީ 1000 އިން މައްޗަށް އަރައިފައެވެ.
ރާއްޖޭގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 9،423 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 250 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 84 މީހަކު ވަނީ މަރުވެފައެވެ. އެއީ 73 ދިވެހިންނާއި 11 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު