އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑުން ފަހަތުން އަރައި މޮޅުވުމުން ސިޓީ އަނެއްކާވެސް އިންތިޒާރުގައި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން އެސްޓަންވިލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުން، މެންޗެސްޓާ ސިޓީއަށް ތަށި ޔަގީން ކުރުމަށް އަނެެއްކާވެސް އިންތިޒާރުކުރަން ޖެހިއްޖެއެވެ.

ޔުނައިޓެޑުން މިރޭ ވިލާ ޕާކްގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފް ނިމުނުއިރު 1-0 އިން ޔުނައިޓެޑް ބަލިވެފައި އޮތް ނަމަވެސް އެޓީމުން ވަނީ ފަހު ހާފުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލައިފައެވެ.

މިރޭގެ މެޗުން ޔުނައިޓެޑް ބަލިވުމަށް އެންމެ ބޮޑަށް އިންތިޒާރުކުރީ ވާދަވެރި ސިޓީންނެވެ. ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވުމުން އެޓީމަށް އެންމެ އަވަހަށް ދެން ލީގު ތަށި ޔަގީން ކުރެވެން އޮތީ މިރޭ ޔުނައިޓެޑް ބަލިވެގެންނެވެ. ފުރަތަމަ ހާފުގެ ނަތީޖާ ދެއްކި ގޮތުން މިރޭ ސިޓީއަށް ލީގު ކަށަވަރުވާނެ ކަމަށް ބެލެވުނު ނަމަވެސް އެޓީމަށް ޖެހުނީ އަނެއްކާވެސް އިންތިޒާރު ކޮށްލާށެވެ. ސިޓީން ދެން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ނުވަތަ ދެން ޔުނައިޓެޑް ކުޅޭ މެޗުން އެޓީމު ބަލިވި ނަމަވެސް މިދިޔަ ހަތަރު ސީޒަންގެ ތެރޭގައި ތިންވަނަ ފަހަރަށް ސިޓީއަށް ލީގު ޔަގީންވާނެއެވެ.

ޔުނައިޓެޑް ސަޕޯޓަރުން މުޒާހަރާ ކުރަން ދަނޑަށް އެރުމާ ގުޅިގެން މިދިޔަ ހަފުތާ އެޓީމުން ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ޕްރިމިއާ ލީގުން ކެންސަލް ކޮށްފައިވުމުން، އެޓީމަށް މި ހަފުތާގައި ތިން މެޗު ކުޅެން ޖެހި ޝެޑިއުލަށް ވަނީ ބާރު ބޮޑުވެފައެވެ. އެކަމުގެ ކަންބޮޑުވުންތައް ކޯޗު އޮލެ ގުނަ ސޮލްސްޖާ ފާހަގަވެސް ކޮށްފައިވެއެވެ. ހާއްސަކޮށް ޔުނައިޓެޑަށް ޔޫރޮޕާ ލީގު ފައިނަލުގައިވެސް ކުޅެން ޖެހިފައި އޮތުމުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ 11 ގައި އެޑިސަން ކަވާނީ ނެރެފައިނުވާ އިރު، ފަހުން އަރައި މެޗު އަނބުރާލަން ދެވަނަ ހާފުގައި އެންމެ މުހިއްމު ކުޅުމެއް ދެއްކީ ކަވާނީއެވެ. ފުރަތަމަ ހާފުގައި ބާޓްރެންޑް ޓްރެއޯރޭ ޖެހި ހިތްގައިމު ގޯލާއެކު ވިލާއިން ލީޑު ނެގި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑަށް ލިބުނު ޕެނެލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އޭގެ ހަތަރު މިނެޓް ފަހުން މޭސަން ގްރީންވުޑް ޖެހި ގޯލާއެކު ޔުނައިޓެޑުން ނަތީޖާ އަނބުރާލި އިރު، މެޗު ނިމެން ދަނިކޮށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ ކަވާނީގެ ގޯލުންނެވެ. ވިލާގެ ވޮޓްކިންސްއަށް ދެއްކި ރަތްކާޑާއެކު ވިލާއިން ކުޅުންތެރިޔަކު މަދުކޮށް މެޗު ނިންމާލި އިރު، ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާއަށް އަނިޔާވުން ވެގެންދިޔުންވީ މާޔޫސް ކަމަކަށެވެ.