ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އިސްކޮށް ހުރި މީހާ ހޯދަން ފުލުހުން އާންމު ކުރި ވީޑިއޯގައި ފެންނަ މީހާގެ ފައިގެ ނިޝާނާއި މިއަދު ހައްޔަރު ކުރި އަހުމަދު އަދުހަމްގެ ފައިގެ ނިޝާނާ ބަރާބަރަށް ދިމާވާ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.
ވ. ތިނަދޫއަށް އުފަން އަދުހަމް ހައްޔަރު ކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެއިންނެވެ.
ރައީސް ނަޝީދުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބޮން ގޮއްވާލި ވަގުތު އަދުހަމްގެ ހަރަކާތްތައް ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ބޮން ގޮއްވާލި ތަނުގެ ކުރިމަތީގައި ހުރި ކުރީގެ އަތަމާ ޕެލެސް ހިންގި އިމާރާތުގެ އެތެރޭގައި ހުރި ސީސީޓީވީ ކެމެރާއިން ނަގާފައިވާ އެ ފުޓޭޖުން ފެންނަނީ އަދުހަމް އެތަނުގެ އެތެރޭގައި ފޯނުން މީހަކާ ވާހަކަދައްކަން ހުންނަ ތަނެވެ. އަދި ދޭތެރެ ދޭތެރެއިން ފާރުގައި ފައި ވިއްދާލާތަން ފެނެއެވެ.
"(އަދުހަމް ފައި ވިއްދި ތަންތަނުން) ފުޓް ޕްރިންޓް ވަނީ ނަގާފައި. އަދި އޭނަ ހައްޔަރު ކުރުމަށްފަހުގައި އޭނާގެ ފުޓް ޕްރިންޓް ނެގިން. އަޅުގަނޑުމެން ކުރިން އެތަނުން (އަތަމާ ޕެލެސް ހުރި އިމާރާތުން) ނަގާފައި ހުރި ޕްރިންޓާއި ހައްޔަރުކުރުމަށްފަހު ނެގި ފުޓް ޕްރިންޓް ދިމާވާކަން އަޅުގަނޑު ފާހަގަކޮށްލަން،" ރިޔާޒު ވިދާޅުވިއެވެ.
އަދުހަމަށް ފުލުހުން ތުހުމަތު ކުރަނީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ބޮން ގޮއްވާލި ކަމުގެ ތުހުމަތެވެ.
ރިޔާޒު ވިދާޅުވީ، އަތަމާ ޕެލެސް ހުރި އިމާރާތުގެ ތެރޭގައި އަދުހަމް ހުރި އިރު، އޭނާގެ އަތުގައި ރިމޯޓެއް އޮތް ކަމަށެވެ. އަދި ބޮން ގޮއްވާލުމަށްފަހު އަދުހަމްގެ ހަރަކާތްތައް، އެވަގުތު އެސަރަހައްދުގައި ތިބި އެހެން މީހުންގެ ހަރަކާތްތަކާ ތަފާތު ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު