ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުތަކަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި މީހާ މިއަދު ހެނދުނު ހުޅުމާލެއިން ހައްޔަރުކުރުމާ ގުޅިގެންނެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވޭ ކަމަށް ފުލުހުން ކުރީން ވަނި ބުނެފައެވެ. އޭގެ ތެރެއިން ދެމީހަކު ހައްޔަރުކޮށް ތިންވަނަ މީހާގެ ފޮޓޯ ފުލުން އާއްމު ކުރީ އިއްޔެއެވެ.

އެ ހަމަލާއާ ގުޅިގެން އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާއެވެ.

ފުލުހުން މި ހޯދި ކުރިއެރުންތައް ފާހަގަކުރައްވައި، މިނިސްޓަރު އިމްރާން މީގެ ކުޑަކއިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒު ކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއި ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށެވެ.

މިހާތަނަށް ލިބުނު ކުރިއެރުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުރެއް އަދާކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.