ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓަކައި ސައިކަލެއްގައި ބޮމެއް ހަރުކޮށް، އެބޮން ގޮއްވާލި ހާދިސާގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމަ ވެފަ އެވެ.
އެމަނިކުފާނަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ އިރު، ގިނަ ސާޖަރީ ތަކެއް ވަނީ ކޮށްފަ އެވެ. މި ވަގުތު ވެސް އައިސީޔޫގައި އޮންނެވި އިރު، ގޮއްވާލި ބޮމުން ބުރައިގެން ދިޔަ ރޭޒާ ފުށްތައް ހަށިކޮޅުގެ 11 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.
އަމިއްލައަށް ތައްޔާރުކޮށްގެން މާލޭގައި ގޮއްވާލި މިފަދަ އެންމެ ބޮޑު ގޮއްވާލުން ކަމަށް ބެލެވޭ، މި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ވަނީ ކުރީން ހައްޔަރު ކޮށްފަ އެވެ. އަދި ތިން ވަނަ މީހަކު ހޯދުމަށް ފޮޓޯ އާއި ވީޑިއޯ ފުލުހުން ވަނީ އާންމު ކޮށްފަ އެވެ. އަދި މި ތިން ވަނަ މީހާއަކީ ބޮން ގޮއްވާލި މީހާ ކަމަށް ބެލެވޭތީ، އޭނާ ހޯދުމަށް އާންމު ރައްޔިތުންގެ އެހީތެރިކަމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ވީޑިއޯ އާންމުކުރިތާ 24 ވަރަކަށް ގަޑި އިރު ތެރޭގައި ފުލުހުން މި ވަނީ މި މީހާވެސް ހައްޔަރުކޮށްފަ އެވެ. ރޭ ފަތިހުއްސުރެ ހެނދުނު 7:00 ޖެހުމާއި ހަމަޔަށް ފުލުހުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުން މި މީހާ އަތުލައިގަނެ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ފުލެޓެއްގެ ތެރެއިންނެވެ.
ގިނަ ފުލުހުންތަކެއް ބައިވެރިކޮށްގެން ހިންގި މި އޮޕަރޭޝަނުގައި ފުލުހުން ވަނީ މައްސަލައާ ގުޅޭ ހެކި ހޯދުމަށް އެ ފުލެޓު ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފަ އެވެ. އަދި ފުލުހުންގެ ފޮރެންސިކް ޓީމުން ހެކީގެ ގޮތުގައި ބެލެވޭ ބައެއް ތަކެތި ހިމެނޭ ކޮތަޅުތަކެއް އެ ފުލެޓުން ނެރިގެން ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ފަތިހު 5:00 ވީއްސުރެ ތިބި "ވަން" ގެ ނޫސްވެރީންނަށް ވަނީ ފެނިފަ އެވެ. މި އޮޕަރޭޝަން ކުރިޔަށް ގެންދިޔަ އިރު އެ ސަރަހައްދުގައި ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގެ ހާއްސަ ޓީމުތައް ހަރަކާތްތެރިވަމުން ދިޔަ އެވެ. ފުލެޓް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ހައެއްކަ ވެހިކަލް އެލާޓުގައި އޮތެވެ.
މި މީހާ ހައްޔަރުކޮށްގެން ގެންޗާ ވީޑިއޯ ތިރީގައި އެވަނީ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު