ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި މީހާ ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
ތިން ގަޑިއިރެއްހާއިރުގެ އޮޕަރޭޝަނަށް ފަހު، ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ހުޅުމާލެ ފުލެޓު 95G02 އިންނެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މިއަދު ހެނދުނު ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާއެވެ. އޭނާއަކީ އެ ހަމަލާ ދިން ވަގުތު އަތަމާ ޕެލަސް ކުރިމަތީގައި ހުރި މީހާއެވެ.
ގިނަ ފުލުހުންތަކެއް ބައިވެރިކޮށްގެން ހިންގި އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ މައްސަލައާ ގުޅޭ ހެކި ހޯދުމަށް އެ ފުލެޓު ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފަ އެވެ. އަދި ފުލުހުންގެ ފޮރެންސިކް ޓީމުން ހެކީގެ ގޮތުގައި ބެލެވޭ ބައެއް ތަކެތި ހިމެނޭ ކޮތަޅުތަކެއް އެ ފުލެޓުން ނެރިގެން ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ފަތިހު 5:00 ވީއްސުރެ ތިބި "ވަން" ގެ ނޫސްވެރީންނަށް ވަނީ ފެނިފަ އެވެ. މި އޮޕަރޭޝަން ކުރިޔަށް ގެންދިޔަ އިރު އެ ސަރަހައްދުގައި ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގެ ހާއްސަ ޓީމުތައް ހަރަކާތްތެރިވަމުން ދިޔަ އެވެ. ފުލެޓް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ހައެއްކަ ވެހިކަލް އެލާޓުގައި އޮތެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، އަތަމާ ޕެލަސް ކައިރީ ހުރި މީހާއަކީ އެ ހަމަލާގައި އެންމެ އިސްކޮށް އުޅުނު މީހާކަމަށް ޝައްކު ކުރެވޭ މީހާއެވެ.
ފުލުހުން އިއްޔެ ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީ ގޮއްވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފެނިގެން ދަނީ ރައީސް ނަޝީދު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއިން ހަށިފާރަވެރިންނާއެކު ނިކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅާ އަރާ ހަމަވިތަނާހެން ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރެވެ. އަދި އެ ގޮވުމާއެކު ބައެއް ތަކެތި ބުރައިގެންދާ މަންޒަރާއި ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުރިކަންވެސް ފެނެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ޑިވައިސް ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާ ދީފައި ވަނީ، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގަތް މަޖިދީމަގުގައި އޮތް ކާރަށް އަރައިވަޑައިގަންވަނިކޮށް ކާރު ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އެއްޗެއް ގޮއްވާލައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު