އިންޑިއާގެ ބެންގަލޫރު އެފްސީ އޭއެފްސީ ކަޕް މެޗު ކުޅުމަށް އައިސް ކޮވިޑް 19 އާ ގުޅިގެން ހަދާފައިވާ ހަރުކަށި އުސޫލުތައް މުގުރާލައި މަގުމައްޗަށް ނުކުތުމުން، އެ ކްލަބު ވީ އެންމެ އަވަހަކަށް ދާން ޖެހޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އޭއެފްސީ ކަޕް ކޮލިފިކޭޝަން މެޗަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އޭއެފްސީން ހަރުކަށި ސިއްހީ ގައިޑްލައިންތަކެއް ތައްޔާރުކޮށްފައި ވަނިކޮށް، އެ އުސޫލުތަކާ ބެންގަލޫރު އެފްސީ ހިލާފުވެއްޖެ ކަމަށާއި މިހާރުން މިހާރަށް ރާއްޖެ ދޫކޮށް އެޓީމުން ދާން ޖެހޭ ކަމަށެވެ.

މަހުލޫފް ފާހަގަކުރައްވާފައިވަނީ ކޮވިޑް 19ގެ ބޮޑު ނުރައްކަލެއްގައި ރާއްޖެ އޮތުމުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި މި ދަނޑިވަޅުގައިވެސް މެޗު ކުޅުމަށް ބޮޑު ކޮމިޓްމަންޓެއް ސަރުކާރުންވެސް ދިން ކަމަށާއި ބެންގަލޫރު އެފްސީ ޓީމުން ފެނިގެން ދިޔައީ ގަބޫލުކުރެވޭނެ މަންޒަރެއް ނޫން ކަމަށެވެ.

ބެންގަލޫރު އެފްސީން ކްލަބު އީގަލްސްއާ ދެކޮޅަށް އޭއެފްސީ ކަޕް ކޮލިފިކޭޝަން ފަހު ބުރުގައި އަންނަ އަންގާރަ ދުވަހު ނުކުންނަން ހަމަޖެހިފައި އޮތް އިރު، ރާއްޖޭގެ އިތުރުން އިންޑިއާގައިވެސް މިވަގުތު ކޮވިޑް ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އެ ހާލަތު ދެ ގައުމުގައި އޮތް ނަމަވެސް މެޗު ކުޅެން އޭއެފްސީން ލަފާ ދިނީ ގިނަ އުސޫލުތަކެއް އެކުލަވާލައިގެންނެވެ.

ބެންގަލޫރު އެފްސީން އެގައުމުގެ ލީގަށްފަހު ހޮޓެލް ކަރަންޓީނުގައި އަށް މަސް ހޭދަކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވާ އިރު، އޭއެފްސީގެ ޕްރޮޓޮކޯލްއިން ޕީސީއާރުވެސް ޓެސްޓުކުރުމަށް އޭއެފްސީން ވަނީ ދެ ޓީމަށް މަޖުބޫރުކޮށްފައެވެ. ހަމައެއާއެކު މެޗުތައް ކުޅެން ރާއްޖެއިން ހުއްދަ ދީފައިވަނީ ވެސް "ބަޔޯ ސެކުއާ ބަބުލް"އެއްގެ ތެރޭގައި ޓީމުތައް އެކަހެރި ވެގެން ތިބެގެންނެވެ.

ހޮޓެލް ކޭމްޕުން ޓީމުތަކަށް ފަރިތަކުރުން ފިޔަވައި ދެން ނުކުމެވޭނީ މެޗަށް އެކަނި ކަމަށް މިނިސްޓަރު ކުރިންވެސް ފާހަގަކުރައްވާފައިވާ އިރު، ބެންގަލޫރު ޓީމަށް މަހުލޫފު ނުރުހުން ފާޅުކުރައްވާފައިވަނީ މިއަދު ހަވީރު މަގުމައްޗަށް ބައެއް ކުޅުންތެރިން ނުކުތްކަން ހާމަވާ ފޮޓޯތަކެއްގެ ސަބަބުންނެވެ.

އޭއެފްސީ ގްރޫޕް ޑީގެ މެޗުތައްވެސް މިމަހުގެ 14 އިން 21 އަށް މާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ އިރު، އެ މެޗުތައް ކުޅޭ ޓީމުތައް ހޮޓެލް ކޭމްޕުކޮށް، ބަރާބަރަށް ޓެސްޓުކުރަން މަޖުބޫރުވާނެއެވެ. އެގޮތުންް ރާއްޖެއިން ގްރޫޕް ސްޓޭޖު ޔަގީންކޮށްފައިވާ މާޒިޔާވެސް މިހާރު ވަނީ އާންމުންނާ އެކަހެރިކޮށް ހުޅުމާލޭ ހޮޓަލެއްގައި ކޭމްޕުކޮށްފައެވެ. އަދި އަންނަ އަންގާރަ ދުވަހުގެ މެޗަށް އީގަލްސްވެސް ތިބީ ކޭމްޕުކޮށްގެންނެވެ.