ރާއްޖޭގައި ބޭނުންވާ ވަރަށް އޮކްސިޖަން އެބަހުރި ކަމަށާއި އެންމެ ގޯސް ހާލަތަށް ތައްޔާރުވަމުން އަންނަ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ އައިޖީއެމްއެޗްގައި އޮކްސިޖަން ޕްލާންޓެއް އެބަހުރި ކަމަށާއި ނަމަވެސް ބައެއް އެކިއުޕްމަންޓް ނެތުމުން މިވަގުތު ބޭނުން ކުރުން މެދުކަނޑާލާފައިވާ ކަމަށެވެ.

ޝަހީދު ވިދާޅުވީ މޯލްޑިވް ގޭސްގެ ތިން ޕްލާންޓެއް މާލޭގައި އެބަހުރި ކަމަށާއި އަދި އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައިވެސް ޕްލާންޓެއް ހުންނަ ކަމަށެވެ. މެޑިކަލް ޔޫސްއަށް އޮކްސިޖަން ބޭނުން ކުރަނީ މި ޕްލާންޓްތަކުން ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ މީހުން ހާލު ދެރަވެގެން، އެޑްމިޓް ކުރަން ޖެހިދާނެ ކަމަށް ބަލައި، ވޯސްޓް ކޭސް ސިނާރިއޯއަކަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ފަހުން އޮކްސިޖަން ކެޕޭސިޓީ ހުރިވަރު ބަލާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ މީހުން ހާލު ދެރަވެގެން، އެޑްމިޓް ކުރަން ޖެހިދާނެ ކަމަށް ބަލައި، ވޯސްޓް ކޭސް ސިނާރިއޯއަކަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ހަމަ ވަރަށް ރީސެންޓްލީ އޮކްސިޖަން ކެޕޭސިޓީ ހުރިވަރު އަދި އެންމެ ވާސްޓް ކޭސް ސިނާރިއޯއަކަށް ބަލާފައި ކިހާ އޮކްސިޖަނެއްތޯ ބޭނުންވާނީ އަންދާޒާ ކޮށްފައި. ޕްލޭންސްތަކެއް ހަދާފަ މިހުރީ، އެކަމަށް ތައްޔާރުވަމުން އަންނަނީ. އަޅުގަނޑުމެންނަށް ކޭޓާ ކުރެވޭ ވަރަށް ފުދޭ ވަރަކަށް ކެޕޭސިޓީ ހުރިކަމަށް ފާހަގަ ކުރެވޭ،" ޝަހީދު ވިދާޅުވިއެވެ.

ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ އައިޖީއެމްއެޗްގައި ހުރި އޮކްސިޖަން ޕްލާންޓަށް ބޭނުންވާ ތަކެތި ގެނެސް، އަންނަ ހަފުތާގައި ބޭނުން ކުރަން ފެށޭނެ ކަމަށެވެ.