ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އެމަޖެންސީ ހުއްދަ ލިބުމާއެކު 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މިހާރު ސިނޯފާމް ވެކްސިން ދެވޭނެ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ސިނޯފާމް ވެކްސިން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ވަނީ ހުއްދަ ދީފައެވެ. އަދި 60 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދިނުން ރަނގަޅު ކަމަށް ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދިނުމާއެކު، ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ހުއްދަދީފައިވާ ކަމަށެވެ.

އެހެންކަމުން 18 އަހަރުން މަތީގެ އެންމެންނަށް މިހާރު ސިނޯފާމް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަންނަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުންނެވެ. އަދި ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ވެފައިވާ ފަރާތްތަކުން އަންނަނީ ދެވަނަ ޑޯޒްވެސް ޖަހަމުންނެވެ. ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ދޭން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.