ޔޫއެފާގެ ބޭރުން ގެންނަން އުޅުނު ޔޫރޮޕިއަން ސުޕަ ލީގުގެ ވިސްނުމަކީ އަދިވެސް ކުރިއަށް ގެންދާނެ ވިސްނުމެއް ކަމަށް މިވަގުތު އެ ޕްރޮޖެކްޓުގައި ތިބި ރެއާލް މެޑްރިޑް، ބާސެލޯނާ އަދި ޔުވެންޓަސްއިން ހާމަކޮށްފިއެވެ.
ސުޕަ ލީގުގައި ތިބޭ ކްލަބުތަކަށް ޔޫއެފާ އާއި ފީފާ އިން ފިޔަވަޅު އެޅުމުގެ އިންޒާރުތައް ދީފައިވީ ނަމަވެސް، ފައުންޑިން މަރުހަލާގައި އެންމެ އިސްކޮށް އުޅުނު ބާސާ، ރެއާލް އަދި ޔުވެންޓަސްއިން ބުނެފައި ވަނީ އިންޒާރުތަކަށް ނުބަލާ ކުރިއަށް ދާން ތައްޔާރަށް ތިބި ކަމަށެވެ. އެ ކްލަބުތަކުން ބުނެފައި ވަނީ ސުޕަ ލީގުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ކަމަށާއި ސުޕަ ލީގު ފެއިލް ވެގެން ދިޔައީ ތިންވަނަ ފަރާތެއްގެ ޕްރެޝަރު ވަދެ، މުޅި އެތި ކިލަނބުވެގެން ކަމަށެވެ.
ޖުމުލަ 12 ޓީމަކާއެކު ސުޕަ ލީގު އިއުލާން ކުރި ނަމަވެސް އެޓީމުތަކުގެ ތެރެއިން ނުވަ ޓީމަކުން މިހާރު ވަނީ އަމިއްލައަށް ލީގުން ބޭރުވެފައެވެ. ލީގުން ބޭރުވާން ޖެހުނު އެންމެ ބޮޑު ސަބަބަކަށްވީ ކްލަބުތަކުގެ ވެރިން ނިންމި ނިންމުމާ ދެކޮޅަށް ކްލަބުތަކުގެ އިހުލާސްތެރި ސަޕޯޓަރުން ކުރަމުން ދިޔަ މުޒާހަރާތަކެވެ. މެޗުތައް ކުޅުމަށްވެސް އެ ކްލަބުތަކަށް އުނދަގޫތައް ކުރިމަތިކުރުވާފައިވާ އިރު، ސުޕަ ލީގު ފަދަ ފައިސާގެ ބޮޑު ރޯޅިއެއްގައި ފުޓުބޯޅަ ޖެހެން ނޭދޭ ކަމަށް ކުޅުންތެރިންނާއި ކޯޗުން އަދި ލެޖެންޑުންވެސް ވަނީ ފާހަގަކޮށްފައެވެ.
ޔޫއެފާގެވެސް ބޮޑު ޕްރެޝަރަކާއެކު ނުވަ ކްލަބުން ނަން ނެގި ނަމަވެސް އެ ކްލަބުތަކަށްވެސް ޔޫއެފާއިން ވަނީ އަދަބު ދޭނެ ކަމަށް ނިންމައިފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި މި ޓީމުތަކުން 15 މިލިއަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑް ކުރަން އެންގުމާއި އެއް ސީޒަން ވަންދެން މި ކްލަބްތަކަށް ލިބޭ ފައިސާގެ ފަސް ޕަސެންޓް ޔުއެފާއަށް ނެގުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ހިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި ޔުއެފާގެ އެ ނޫންވެސް އެހެން ކޮންމެ އުސޫލަކާ ހިލާފުވެއްޖެނަމަ އެ ކްލަބެއް 50 މިލިއަން ޕައުންޑުގެ ޖޫރިމަނާ އެއް ދެއްކުން އަދަބުތަކުގައި ހިމެނެއެވެ. މި ކަންތައްތަކަށް ރަސްމީކޮށް ކްލަބުތަކުން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެއެވެ.
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އިސްވެ ހުރެ ސުޕަ ލީގުގެ ޕްރޮޕޯސަލް އިއުލާން ކޮށްފައިވާ އިރު، ސުޕަ ލީގު ދޫ ނުކުރާ ކަމަށްވެސް ކުރިންވެސް ޕެރޭޒް ވަނީ ހާމަކޮށްފައެވެ.
އިއްޔެ ނެރުނު ބަޔާނުގައިވެސް ސުޕަ ލީގުގައި މިހާރު ތިބި ކްލަބުތަކުން ބުނެފައި ވަނީ ފުޓުބޯޅައިގެ މާހައުލު ރަނގަޅު ކުރުމަށް ސުޕަ ލީގުގެ ވިސްނުމަކީ މުހިންމު ވިސްނުމެއް ކަމަށާއި ޔޫއެފާ އާއި ފީފާއާވެސް ވާހަކަ ދައްކާ އަދިވެސް ސުޕަ ލީގަށް ފުރުސަތު ހޯދާނެ ކަމަށެވެ. އަދި އިންޒާރު ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ސުޕަ ލީގު ޓީމުތަކުން ބުނެފައިވެއެވެ.
ސުޕަ ލީގުން ވަކި ނުވެ ތިބި ތިން ޓީމަށް ހަރުކަށި އަދަބު ދޭނެ ކަމަށް ޔޫއެފާ އިން ތަކުރާރުކޮށް ބުނެފައިވާ އިރު، ޔޫއެފާ އިން ދޭނެ ވަކި އަދަބެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު