ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައާ ހަރުކަށި ފިކުރާ ކޮންމެވެސް ވަރެއްގެ ގުޅުމެއްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، މި މިއްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އަދި މައްސަލަ ބަލަމުން ދަނީ ވެސް އެހާމެ އަހްމިއްޔަތުކަމެއް ދީގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
"މި މައްސަލައިގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު ހަރުކަށި ފިކިރުގެ ވިސްނުމާ ގުޅުންހުރި ކަންތައްތަކެއް އެބަ ފެނޭ. އެހެންވީމަ އެއީ އެއްކަމަކަށް ތަހުގީގުން އިތުރަށް ބައްލަވާނެ ކަމެއް،" ޕީޖީ ވިދާޅުވިއެވެ.
އެ މައްސަލައިގައި ޕީޖީގެ ދައުރަކީ ފުލުހުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން ކަމަށާއި އެކަމުގެ އަމަލީ މަސައްކަތުގައި ޕީޖީ ބައިވެރިވަޑައިގަންނަވަނީ ކަމުގެ ބާވަތުންނާއި ސީރިއަސް ކަމުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ބަލަނީ މިހާތަނަށް މި ހޯދޭ ހެކިތައް ވެސް އެއީ އަޅުގަނޑުމެންނަށް ކޯޓަށް ހުށަހެޅޭ އަދި މި މައްސަލައިގައި ދައުވާ ކުރާ ހިސާބުން ކުށް ސާބިތުކުރަން ބޭނުން ކުރެވޭނެ ހެކިތަކެއް ކަން ކަށަވަރު ކުރަން،" ޕީޖީ ވިދާޅުވިއެވެ.
މިހާތަނަށް ފުލުހުން މަސައްކަތް ގެންދަވާފައިވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، މިހާރު ވެސް ފުލުހުން ވަނީ ވަރަށް ގިނަ މައުލޫމާތު އެއްކޮށްފައި ކަމަށާއި އަދި އެ މައުލޫމާތުތައް އާންމުންނަށް އެއްފަހަރާ ނުދެވޭނެ ކަމަށެވެ.
"ވަރަށް ރައްކާތެރިކަމާއެކު ވަރަށް ހިކުމަތްތެރިކަމާއެކު މިހާތަނަށް މަސައްކަތް ކުރައްވާފައި ވަނީ. މި މައްސަލައިގައި ހިންގާ ހުރިހާ އިޖުރާއަތްތަކެއް ގަވާއިދުން އަޅުގަނޑުމެންނާ މަޝްވަރާ ކުރެވިގެން ކުރިއަށް މި ދަނީ،" ޝަމީމް ވިދާޅުވިއެވެ.
ފުލުހުން މިހާރު އެއްކޮށްފައިވާ މައުލޫމާތުގެ އަލީގައި ދެން ހޯދަންވީ މައުލޫމާތާއި ދާންވީ ދިމާ ވަރަށް ސާފުކޮށް އެނގޭ ކަން ޝަމީމް ފާހަގަކުރެއްވިއެވެ.
އެންމެން ގުޅިގެން ކުރާ މަސައްކަތުން އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް 'ކޮންމެސް ނަތީޖާ' އަކާ ހަމައަށް ދެވޭނެ ކަމަށް ކަން ޕީޖީ ޝަމީމް ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު