ދެކުނު އޭޝިއާ ގައުމުތަކާއި ސަރަހައްދުތަކުން މަސައްކަތްތެރީން ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމުގައި ބުނީ، މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އޭގެ އިތުރުން، ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.

ރާއްޖޭގައި ކޮވިޑުގެ ނަންބަރުތައް އިތުރުވެފައިވާތީ، ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވައި އެހެން އެންމެން ކަރަންޓީންވާން ޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. އަދި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.

މި ފަހަކަށް އައިސް ރާއްޖެއިން ކޮންމެ ދުވަހަކު 700 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ. ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި މިހާރު ކޮވިޑުގެ އާ ސްޓްރެއިނެއް ނުވަތަ ވޭރިއަންޓެއް އެބައުޅެއެވެ.