ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ކައިރީ އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން އަނިޔާވެގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭޑީކޭގައި ރައީސް ނަޝީދުގެ ސާޖަރީތައް ހެދުމަށް 16 ގަޑިއިރު ހޭދަވިއެވެ.
ސާޖާރީތަކަށް ފަހު އޭޑީކޭ އިން އިއްޔެ މައުލޫމާތު ދިން ގޮތުގައި ރައީސް ނަޝީދުގެ ބޮލާއި މެޔާއި ބަނޑާއި އަތުގެ ސާޖަރީތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި އެމަނިކުފާނުގެ ހާލު ސީރިއަސް ކަމަށް ވެސް އިއްޔެ އޭޑީކޭ އިން މައުލޫމާތު ދިނެވެ.
އެ ސާޖަރީތައް ކާމިޔާބުކަމާއެކު ނިންމާލި ހަބަރާއެކު ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ އެ ސާޖަރީތައް ކުރިއަށްގެންދިޔަ އޭޑީކޭގެ ޑޮކްޓަރު، ޑރ. އަލީ ނިޔާފާއި އޭނާގެ ޓީމަށް ޝުކުރު އަދާކުރަން ފަށައިފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އޭޑީކޭގެ ޑޮކްޓަރުންނާއި މުވައްޒަފުން ރައީސް ނަޝީދުގެ ރައްކާތެރިކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކުރަން. އަދި ކުރިއަށްވުރެ ވަރުގަދަކޮށް ވަޑައިގަންނަވާނެ،" ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ކުރި ޓުވީޓެއްގައި ފާހަގަކުރެއްވި ގޮތުގައި ޑރ. ނިޔާފާއި އޭނާގެ މެޑިކަލް ޓީމުން ރައީސް ނަޝީދަށް ދެއްވި ފަރުވާއަށް ޝުކުރު އަދާކުރުމަށް ހަމައެކަނި ބަސްތަކަކުން ނުފުދޭނެއެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ވަނީ އޭޑީކޭގެ މެޑިކަލް ޓީމަށް ޝުކުރު ދަންނަވައިފައެވެ. އޭޑީކޭގެ މެޑިކަލް ޓީމަށް ޝުކުރު އަދާކުރައްވައި ހަސަން ލަތީފް އިއްޔެ ކުރެއްވި ޓުވީޓުގައި ވަނީ ރައީސް ނަޝީދަށް އަވަސް ޝިފައާކަށް ވެސް އެދިވަޑައިގެންފައެވެ.
އޭގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ޑރ. ނިޔާފްގެ އަވަސް ހަރަކާތްތައް އޭނާގެ ހަ އަހަރުގެ ދަރިފުޅަށް ވެސް ވަނީ ފާހަގަ ވެފައެވެ. އަދި އޭޑީކޭގެ މެޑިކަލް ޓީމަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެބޭފުޅުންގެ އިތުރުން ވެސް އާންމުންގެ ގިނަ ބަޔަކު ވަނީ އޭޑީކޭގެ މެޑިކަލް ޓީމަށް ސޯޝަލް މީޑިއާގައި ޝުކުރުގެ މެސެޖުތައް ރައްދުކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ ހަތަރު މީހަކު ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެ މައްސަލައިގެ ތަހުގީގަށް މިއަދު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ޓީމެއް ވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު