އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ނެރުނު އެންގުމުގައި ބުނީ، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި މިއަދުން ފެށިގެން ހަފުތާއެއްގެ ނިޔަލަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމަށް ވަނީ ނިންމައިފައެވެ. އަދި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައިވެއެވެ.
އޭގެ އިތުރުން އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް އަދި ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް އެންގުމުގައިވެއެވެ.
އެންގުމުގައި އިތުރަށް ވަނީ، ސެލޫންތަކާއި ޖިމުތަކާއި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުމަށްވެސް އަންގައިފައެވެ. އަދި ޓެކްސީގެ ހިދުމަތާއި ފިރާތަކުން ހިދުމަތް ދޭ އިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
މީގެ އިތުރުން އެ ދެ ސިޓީގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށްވެސް އެންގުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު