ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ، ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެ ހަމަލާއާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެ ހަމަލާ ދީފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ކަމަށެވެ.

ރައީސް ނަޝީދަށް ރޭ ދިން ހަމަލާ އެންމެ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ އިރު، ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

"ހަމަލާ ދިން ސަރަހައްދުން ޝައްކު ކުރެވޭ ހަރަކާތްތަކެއް އެބައެއްގެ ކިބައިން ފާހަގަކުރެވޭ ފަރާތްތަކެއް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެފަރާތްތައް އައިޑެންޓިފައިކޮށް އެފަރާތްތަކާ މެދު ޖިނާއީ އިޖުރާއަތުގެ ދަށުން ކަންކަން ކުރުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. މިގޮތުން މި ހަމަލާއާ ގުޅުންހުރި ކަމަށް ބެލެވޭ ހަތަރު މީހުން އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައިވޭ،" އެމީހުންގެ އިތުރު ތަފްސީލެއް ނުދެއްވައި ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ރޭ ދިން ފަދަ ހަމަލާއެއް ދިނުމުގެ ގާބިލުކަން ހުރި މީހުން މުޖުތަމައުގެ ތެރޭގައްޔާއި ޖަލުތަކުގައިވެސް އެބަތިބި ކަމަށެވެ.

ރޭ ދިން ހަމަލާއާ ގުޅޭ އެއްވެސް އިންޓެލިޖެންސެއް ފުލުހުންނަށް މީގެ ކުރިން ލިބިފައި ނުވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. ނަމަވެސް އެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ ކަންކަން ވަރުގަދަކޮށް، ހުރުހާ ވަސީލަތެއް ބޭނުންކޮށްގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އެގޮތުން އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ދެ ބޭފުޅަކު މާދަމާ ރާއްޖެ އަންނާނެ ކަމަށް ވިދާޅުވިއެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށްވެސް ދެ ސާޖަރީއެއް ވަނީ ހަދައިފައެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވެއެވެ.

އެމަނިކުފާނު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މި ހާދިސާގައި ރައީސް ނަޝީދުގެ ތިން ސެކިއުރިޓީންވެސް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ. ރައީސް ނަޝީދުގެ ސާޖަރީތައް ނިމިފައިވާ އިރު، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.