ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ކުރީން ލިބިފައި ނުވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ފުލުހުންގެ ހިދުމަތުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ, ރައީސް ނަޝީދަށް ރޭ ދިން ހަމަލާއާ ގުޅިގެން ރޭ 10:30 އެހާކަންހާ އިރު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ހަމަލާއާ ގުޅުން ހުރި ކަންތައްތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި ނަމަވެސް ރޭގެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އެއްވެސް ކަހަލަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ރޭގެ މި ހިނގި ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އެއްވެސް ކަހަލަ އިންޕުޓެއް ފުލުހުންނަށް ލިބިފައެއް ނުވޭ،" ހަމީދު ވިދާޅުވިއެވެ.

ގައުމުގެ ދެވަނައަށް އެންމެ އިސް ވެރިޔާއަށް އެފަދަ ޓެރަރިޒަމް ހަމަލާއެއް ދިން އިރު ފުލުހުނުްގެ އިންޓެލިޖެންސަށް އެ މައުލޫމާތު ލިބިފައިނުވާތީ، އިންޓެލިޖެސްގެ މަސައްކަތް ވަނީ ހުއްޓިފައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ހަމީދު ވިދާޅުވީ، އިންޓެލިޖެންސް މަސައްކަތްތައް ނުހުއްޓޭ ކަމަށާއި އެއީ ހުއްޓޭނެ މަސައްކަތްތަކެއްވެސް ނޫން ކަމަށެވެ. އަދި އެެއީ ކޮންމެ ދުވަހަކު ހިނގާ މަސައްކަތްތަކެއް ކަަމަށްވެސް ވިދާޅުވިއެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ފުލުހުންގެ ހިދުމަތަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ހަމަލާއާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެކަން ތަހުގީގު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"މި ހަމަލާއާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތު ފުލުހުންގެ ހިދުމަތަކަށް ލިބިފައެއް ނެތް، ދެން އިންޓެލިޖެންސް މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ، އާއި ނުހޯދުނީ ކީއްވެގެންތޯ އާއި އެކަންތައްތައް ނުހިނގަނީ ކީއްވެގެންތޯ އާއި އެ ޕޯސްޓްމޯޓަމް ހައްދަވަންޖެހޭ، އެ ފަރާތަކުން ދިވެހި ދައުލަތުގެ ތެރޭގައި ހައްދަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް ފެއިލްވެފައިވާކަން ދެނެގަނެވޭނީވެސް އެކަމާބެހޭ ތަހުގީގެއް ކޮށްގެން ކަމަށެވެ. އަދި އެފަދަ ތަހުގީގަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.