ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ ތަހުގީގު ކުރުމުގައި 450 ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓް ހަމަލާއާ ބެހޭގޮތުން ފުލުހުންގެ ހިދުމަތުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ 450 ފުލުހުންނަކީ އެ މައްސަލައިގެ ތަހުގީގުގައި ސީދާގޮތުން ހަރަކާތްތެރިވަމުން އަންނަ ބައެއް ކަމަށެވެ.

ފުލުހުންގެ ޓީމުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ އެންމެ އިސްކަންދޭ މައްސަލައިގެ ގޮތުގައި ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ރޭގެ ހާދިސާއަށްފަހު ފުލުހުން ފަށައިގެން ކުރިއަށްގެންދާ ތަހުގީގުގައި ބޭނުންކުރާ ޓެކްނިކަލް އެކި މަސައްކަތްތަކުގައި އެހީތެރިވުމަށްޓަކައި ރާއްޖޭން ބޭރުގެ އެކުވެރި ބައެއް ދައުލަތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެފަދަ ބޭރުގެ ބައެއް އެކްސްޕާޓުން މިހާރުވެސް ފުލުހުންގެ ތަހުގީގު ޓީމާއެކު މަސައްކަތްކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެގޮތުން "މިވަގުތު ވެސް ރާއްޖޭގައި ތިބި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑްރަގްސް އެންޑް ކްރައިމްސް (އޯޑީސީ)ގެ އިނގިރޭސި ވިލާތަށް ނިސްބަތްވާ ދެ އެކްސްޕާޓުން ފުލުހުންގެ ތަހުގީގު ޓީމާއެކީގައި ދަނީ ހަރަކާތްތެރި ވަމުން،" ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވި ފަދައިން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ އިންވެސްޓިގޭޝަންގެ ޓީމެއް މާދަމާގެ ވަގުތެއްގައި ރާއްޖެއަށް އަންނާނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު އިތުރަށް ވިދާޅުވީ ރޭގެ ހަމަލާގައި މަޖިލިސް ރައީސްގެ އިތުރުން އިތުރު ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ އަރިހުގައި ތިއްބެވި އެމްއެންޑީއެފަށް ނިސްބަތްވާ ބޮޑީގާޑުންގެ ޓީމުގައި ހިމެނޭ، އެމްއެންޑީއެފްގެ ދެ ބޭފުޅުންނާއި އެ ސަރަހައްދުގައި ހުރި 41 އަހަރުގެ ދިވެހި ފިރިހެނަކާއި 70 އަހަރުގެ އިނގިރޭސި ފިރިހެނެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ވެސް ފަރެވާދެމުންދާ އިރު، ކުރެވުނު އޮޕަރޭޝަންތައް ކާމިޔާބު ކަމަށާއި އެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާ ތަކެތި އޮޕަރޭޝަންކޮށް ނަގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް "އިތުރު ޕްރޮސީޖާއެއްް ފުރިހަމަ ކުރަންޖެހޭކަމާއި އެގޮތުން އެ ޕްރިސީޖާ މިހާރުވެސް ކުރިއަށްދާކަމަށް،" ހަމީދު ވިދާޅުވިއެވެ.