ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ވަން ތަކެތި ނަގާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރޭގެ ހަމަލާއާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭއާ ހަވާލާދީ ސީޕީ ހަމީދު ވިދާޅުވީ، ރައީސް ނަޝީދުގެ ހުރިހާ އޮޕަރޭޝަނެއް މިހާރު ނިމިފައިވާ ކަމަށާއި އޮޕަރޭޝަންތައް ކާމިޔާބު ކަމަށެވެ.

"އެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަން ތަކެތި އޮޕަރޭޝަންކޮށް ނެގިފައިވާ ކަމާއި އަދި އިތުރު ޕްރޮސީޖާއެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި އެ ޕްރޮސީޖާ މިހާރުވެސް ކުރިއަށްދާ ކަމަށް އަޅުގަނޑުމެންނަށް އެންމެ ފަހުން މައުލޫމާތު ލިބިފައިވަނީ،" ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެ ހަމަލާ ދިނީ އެމަނިކުފާނު އަވަހާރަކޮށްލަން ކަމަށް އެ ހަމަލާ ދީފައިވާ ގޮތާއި ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވާ ތަކެތިން ހާމަވާ ކަމަށެވެ.

ހަމީދު އިތުރަށް ވިދާޅުވީ، ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެ ހަމަލާގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޝައްކުކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރިން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށްވެސް ދެ ސާޖަރީއެއް ވަނީ ހަދައިފައެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވެއެވެ.

އެމަނިކުފާނު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މި ހާދިސާގައި ރައީސް ނަޝީދުގެ ތިން ސެކިއުރިޓީންވެސް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ. ރައީސް ނަޝީދުގެ ސާޖަރީތައް ނިމިފައިވާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.