ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ގަސްދުގައި ދިން ހަމަލާއެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެ ހަމަލާއާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް ރޭ ދިން ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ގޮވާތަކެއްޗާއި ހަމަލާދިން ގޮތަށް ބަލާއިރު، އެ ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލަން ދީފައިވާ ހަމަލާއެއްކަން އެނގޭ ކަމަށެވެ.
"އެ ހަމަލާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްކަން ރަސްމީކޮށް ބަޔާންކުރުމަށާއި އަދި މި ހަމަލާ ދިނުމަށް ބޭނުންވާ ގޮވާތަކެތީގައި ބޭނުންކޮށްފައިވާ ތަކެއްޗާއި ހަމަލާ ދިން ގޮތަށް ބަލާއިރު މިއީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރުމަށް ގަސްތުގައި ދިން ހަމަލާއެއް ކަމަށް އާންމުކޮށް ބަޔާން ކުރަން،" ސީޕީ ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވީ، ރޭގެ ހަމަލާއާ ގުޅުންހުރި ކަމަށް ބެލެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާތީ އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގެ މައްސަލަ ތަހުގީގުކުރަން 400 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، ރޭގެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރިން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށްވެސް ދެ ސާޖަރީއެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ލިބެއެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމަނިކުފާނު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މި ހާދިސާގައި ރައީސް ނަޝީދުގެ ތިން ސެކިއުރިޓީންވެސް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ. އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހާލު މިހާރު ރަނގަޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު