ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

ނޫސްވެރިންނަށް ފުލުހުން މިއަދު ފޮނުވި ދައުވަތުގައި ބުނެފައި ވަނީ، ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު މެންދުރު 1:45 ގައި އިސްކަންދަރު ބިލްޑިންގުގައި ކަމަށެވެ. ޕްރެސް ދެއްވާނެ ބޭއްފުޅެއް ނުބުނެއެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށްވެސް ދެ ސާޖަރީއެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ލިބެއެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމަނިކުފާނު މިވަގުތު އޮތީ އައިސީޔޫގައެވެ. މި ހާދިސާގައި ރައީސް ނަޝީދުގެ ތިން ސެކިއުރިޓީންވެސް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ.

ޓެރަރިޒަމްގެ މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ޓަކައި، ކަމާ ބެހޭ ބޭރުގެ މާހިރުން މާދަމާ ރާއްޖެ އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.