ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލި ހާދިސާގައި އެމަނިކުފާނަށް ގިނަ ޒަހަމުތަކެއް ލިބިފައިވާ ކަމަށާއި އެ ޒަހަމްތަކާ ގުޅިގެން އިތުރު ސާޖަރީތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން، ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް ނަޝީދު އަނިޔާތަކަކާއެކު މިރޭ 8:30 ގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެމަނިކުފާނަށް މިވަގުތު ފަރުވާދެމުން އަންނަނީ މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުން ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުންޏެވެ.
"ލިބިފައިވާ ޒަހަމުތަކުގެ އެސެސްމެންޓްތަކުން އިތުރު ސާޖަރީސްތަކެއް ހަދަން ޖެހޭކަން ވަނީ ފާހަގަކުރެވިފަ. ސްޕެޝިއަލް ޓީމުން އަންނަނީ އެ ސާޖަރީތައް ކުރުމަށް ތައްޔާރުވަމުން،" އޭޑީކޭއިން ބުންޏެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ހަމަލާގައި އަނިޔާވެފައިވަނީ ސިފައިންގެ ތިން މީހަކަށް ކަމަށާއި އޭގެ ތެރެއިން ކަންފަތަށް ތަދުވާތީ އައިޖީއެމްއެޗަށް ގެންދެވުނު މީހާ އާއި އޭޑީކޭގައި ފަރުވާދެމުން ދިޔަ ދެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އޭޑީކޭއަށް ގެންދިޔަ ދެ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު