މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް މެމްބަރުންނާ މިރޭ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީ އެއްޗެއް ގޮއްވާލައި ދިން ހަމަލާއެއްގައި ރައީސް ނަޝީދަށް އަނިޔާތަކެއްވެ، އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. މި ހާދިސާގައި އެމަނިކުފާނުގެ ބޮޑީގާޑުންނަށްވެސް އަނިޔާވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މިރޭ ވިދާޅުވީ ރައީސް ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ދަނީ ދިވެހި ފުލުހުންނާއި ސިފައިން ތަހުގީގު ކުރަމުން ކަމަށް ކަމަށް ވިދާޅުވިއެވެ.
"އަދި މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ،" މަބްރޫކު ވިދާޅުވިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ. މިހާރު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު