ކާފިއު ވަގުތުގައި ފައިމަގުގައި މިސްކިތަށް ދަމުނަމާދަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފައެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކާފިއު ވަގުތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފައިމަގުގައި މިސްކިތަށް ދަމުނަމާދަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މާލޭގެ ގިނަ މިސްކިތްތަކުގައި ދަމުނަމާދު ކުރާނީ މެންދަމު 2:00 ގައެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ކާފިއުއާއެކު ރޭގަނޑު 9:00ގެ ފަހުން ފިހާރަތަކާއި ރެސްޓޯރެންޓުތައް ބަންދުކުރަން ވަނީ ނިންމައިފައެވެ. އަދި ޖިމްތަކާއި ކަސްރަތު ކުލާސްތައް އަދި ސެލޫން ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ އަންގައިފައެވެ.
އޭގެ އިތުރުން އިއްޔެއިން ފެށިގެން ވަނީ ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ވަނީ ބަންދުކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރު އޮފީސްތައްވެސް ދިހަ ދުވަހަށް ބަންދު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ. އަދި މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތަށްވެސް މިހާރު ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.
ވޭތުވެދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ އާއި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 500 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މިމަހު މާލެ ސަރަހައްދުން ވަނީ 1800 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު