އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓް ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފިއެވެ.
މަޖިލީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ވައްކަމުގައި ހިމެނޭ ފަރާތްތަކުގެ ޖިނާއީ ތަހުގީގު ގޮސްފައިވާ ހިސާބެއް ސާފު ކޮށްދިނުމަށް އެކަމާ ގުޅޭ އިދާރާތަކަށް މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލައިގެ ޖަވާބު މިއަދު ލިބިފައިވާ ކަމަށެވެ.
އެގޮތުން ސުންގަނޑު ހަމަވި އިރު، އެސެޓް ރިކަވަރީ ކޮމިޝަނުންނާއި ޕްރޮސިކުއުޓަރު ޖެނަރަލްގެ އޮފީހުންނާއި ފުލުހުންގެ ފަރާތުން ހިޔާނާތުގެ މައްސަލަ ގޮސްފައި އޮތް ހިސާބާއި އެ މައްސަލަ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ސަބަބު މަޖިލީހަށް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ބޮޑު ވައްކަމާއި ހިޔާނާތުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެތެރޭގައި ސަލާމަތީ ހިދުމަތުގަ އާއި ޝަރުއީ ދާއިރާގަ އާއި މިނިވަން މުއައްސަސާތަކުގައި ކުރީގަ އާއި މިހާރު މަސައްކަތް ކޮށްފައިވާ މީހުންނާއި މަޖިލީހުގެ މިހާރުގެ އަދި ކުރީގެ މެންބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުކަން މިހާރު އަދި ކުރީގައި ކޮށްފައިވާ ފަރާތްތައް އެ ލިސްޓުގައި ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.