ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ގދ. ގައްދޫ ކައުންސިލުގެ ރައީސަކަށް އިންތިހާބުވި ގައްދޫ ވިންސެންޓް/ މުހައްމަދު އަހުމަދު (އެމްޑީ) ޖަލުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓަރު ޖެނަރަލްގެ (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ގައްދޫ ކައުންސިލް ރައީސްކަން މީގެ ކުރިންވެސް ކުރި މުހައްމަދު އަހުމަދުގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާގެ ބަންދުގެ މައްސަލަ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބާތިލުކުރުމާއެކު، އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއްގައި ދައުވާ ލިބޭ މުހައްމަދު އަހުމަދު ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި، ބަންދުން ދޫކޮށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މިމަހުގެ ތިން ވަނަ ދުވަހު ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
"މިބާވަތުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއް ކަމަށް ދައުލަތުން ނުދެކެން. އެ ނިންމުމާއި އެ ނިންމުން ބިނާކުރި ކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ،" ޕީޖީ އޮފީހުން ބުންޏެވެ.
ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް، ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އަހުމަދު މުހައްމަދު އިންތިހާބު ކުރީ އޭނާ ކ. މާފުށީ ޖަލު ބަންދުގައި ހުއްޓައެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރެއިން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާ، ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި މިހާރުވެސް ދަނީ ކުރިއަށެވެ. އެ މައްސަލައަކީ 2015 ވަނަ އަހަރުގެ މައްސަލައެކެވެ.
މީގެ އިތުރުން މީހަކު ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރު ނުވަތަ ފޮޓޯ ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރު ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ތިން ދައުވާވެސް އެ ކޯޓުގައި ކުރިއަށްދާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ސާބިތުވެފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައި ވަނީ ކޯޓުގައި މައްސަލަ އޮތުމަކީ ކެންޑިޑެސީ ބާތިލުވާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ މައްސަލަތަކުގެ ކުށް ސާބިތުވެ، ހުކުމް އިއްވައިފިނަމަ ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ކުރިން އަހުމަދު މުހައްމަދުގެ މައްސަލަ އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަމާލުކަމަށް އައުމާއެކު އެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އޭނާގެ މައްސަލަ އެ ކޯލިޝަނުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެ ކޯލިޝަނުން އޭނާއާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު