ރާއްޖޭގެ ކޮވިޑް 19ގެ ހާލަތު ނުރައްކާތެރި މިންވަރަކަށް ގޮސްފައިވާތީ، އޭއެފްސީ ކަޕް މެޗުތައް ލަސްކުރަން އެދުނު ނަމަވެސް، އަދި އޮތް ގޮތުން ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އޭއެފްސީން ލަފާ ދީފިއެވެ.
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގެ ފަހު ބުރުގައި ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗުގެ އިތުރުން ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދާ ގްރޫޕް ޑީގެ މެޗުތައްވެސް ރާއްޖޭގައި ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާއިރު، އެ މެޗުތައް ކުރިއަށް ގެންދަން ދިމާވާ ދަތިކަމަކީ ނުރައްކާތެރި ރޭޓެއްގައި ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވަމުން ދިޔުމެވެ.
މެޗުތަކަށް ސަރުކާރުންނާއި އެޗްޕީއޭއިން ހުއްދަ ދީފައިވާ ނަމަވެސް، ކޮވިޑްގެ ހާލަތު ނުރައްކާތެރިކޮށް އޮތް އިންޑިއާ ފަދަ ގައުމުތަކުން ޓީމުތައް އަންނާތީ އެކަމަށް އާންމު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެހެންނަމަވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނީ އޭއެފްސީގެ ޕްރޮޓޮކޯލްއާ އެއްގޮތަށް، ހަރުކަށި ކަމާއެކު ރައްކާތެރިކަން ކަށަވަރު ކޮށްގެން ނޫނީ މެޗުތައް ނުކުޅޭނެ ކަމަށާއި، އިންޑިއާ ފަދަ ގައުމުތަކުން އަންނަ ޓީމުތައް އަންނަނީ ހަ މަސް ހަތް މަސް ދުވަހު އެކަހެރިކޮށް ހޮޓަލެއްގައި ކޭމްޕް ކޮށްގެން، ބަޔޯ ސެކުއާ ބަބުލްއެއްގައި ތިބުމަށް ފަހުގައި ކަމަށެވެ.
އިންޑިއާ ޓީމުތައް ލީގު ނިންމައި އެކަހެރިކޮށް ހޮޓެލް ކަރަންޓީނުގައި ތިބެފައި ރާއްޖެ އަންނަން ނިންމާފައިވާއިރު، އޭއެފްސީ ޕްރޮޓޮކޯލާ އެއްގޮތަށް ރާއްޖޭގެ ޓީމުތަކުންވެސް އެކަހެރި ވެ ކަރަންޓީނުވާނެ އެވެ. އަދި ބަރާބަރަށް ޕީސީއާރް ޓެސްޓް ހަދައި، އެ ނަތީޖާތަކަށްވެސް ބަލަމުންދާނެއެވެ.
ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް އެފްއޭއެމްއިން ޔަގީންކަން ދިން ނަމަވެސް، އާންމުންގެ ކަންބޮޑުވުންތަކާއެކު ޔޫތު މިނިސްޓަރު މަހުލޫފް ރޭ ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮވިޑުގެ ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ދިއުމާއެކު އޭއެފްސީގެ މެޗުތައް ކުޅުމަށް އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ސެންޓްރަލައިޒްކޮށް ކުޅޭ އޭއެފްސީ ކަޕްގެ ސައުތު އޭޝިއާ ޒޯންގެ މެޗުތައް ފަސްކުރުމަށް އޭއެފްސީއާއެކު ވާހަކަތައް ފަށާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
އެކަމާ ގުޅިގެން މިހާތަނަށް އޭއެފްސީން މަޝްވަރާ ކޮށްފައި ވަނީ އިތުރު ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އޮތް ޝެޑިއުލަށް މެޗު ކުޅުމަށެވެ. "ވަން" އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ އަދި އޮތީ ތާވަލާ އެއްގޮތަށް މެޗު ކުރިއަށް ގެންދާ ގޮތަށް ކަމަށާއި، އެކަން ކުރިއަށް ގެންދާނީ ސިއްހީ ސަލާމަތީ ކަންކަން ފުރިހަމައަށް ޔަގީންކޮށް، ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބަލައިގެން ކަމަށެވެ.
އެގޮތުން، މެޗު ކުޅޭ ޓީމުތަކާއެކު އެފްއޭއެމްގެ އޮފިޝަލުންނާއި ބަސް ދުއްވާ ފަރާތްތައް، އަދި ހޮޓަލުގެ ހުރިހާ ފަރާތްތަކަށްވެސް އެކަހެރިވެ، މުޖުތަމައަށް ނުނިކުމެވޭނެ "ބަޔޯ ސެކުއާ ބަބުލް"އެއްގެ ތެރޭގައި މެޗުތަކުގެ ހުރިހާ ކަމެއް ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޖަވާ ވިދާޅުވި އެވެ.
މިހާރު ދުނިޔޭގައި ކުރިއަށް ގެންދާ ބޮޑެތި ހުރިހާ ކުޅިވަރު މުބާރާތްތަކެއްވެސް "ބަޔޯ ސެކުއާ ބަބުލް" އެއްގެ ތެރެއިން ކުރިއަށް ގެންދާއިރު، އެ ބަބުލްގެ ބޭނުމަކީ މުބާރާތުގެ ކަންކަން ކުރާ އެންމެހައި ފަރާތްތަކެއް މުޖުތަމައުގެ ކޮންޓެކްޓްތަކުން 100 ޕަސެންޓް އެކަހެރި ކުރުމެވެ. އެހެންކަމުން މުބާރާތް އެއްކޮށް ނިމެންދެން މުބާރާތުގެ ހުރިހާ ކަމެއްގައި އުޅޭ ހުރިހާ އެންމެން ވަކިން އެކަހެރިވާން މަޖުބޫރު ވާނެއެވެ.
ބެންގަލޫރު އެފްސީ އާއި އީގަލްސް ކުޅޭ މެޗު މިމަހުގެ 11 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާއިރު، ގްރޫޕް ޑީގެ މެޗުތައް ކުރިއަށްދާނީ މިމަހު 14 އިން 21 އަށް މާލޭގައެވެ. އޭއެފްސީ ކަޕަކީ ސަރަހައްދީ ދެވަނައަކަށް އެންމެ ބޮޑު ކްލަބު ފުޓުބޯޅަ މުބާރާތް ކަމަށްވާއިރު، އެ މުބާރާތުގެ މެޗުތައް ކުޅުމަކީ ކްލަބުތަކުގެ މާލިއްޔަތަށް ނުހަނު މުހިއްމު ކަމެކެވެ. ހާއްސަކޮށް އިންޑިއާ ޓީމުތަކުންވެސް ސީޒަން ނިންމުމަށްފަހުވެސް ހޮޓެލް ކަރަންޓީނުން ކުޅުންތެރިން މިންޖުނުކޮށް ތިބީ އޭއެފްސީ ކަޕަށެވެ. އަދި ރާއްޖެއިން މުބާރާތުގެ ގްރޫޕް ސްޓޭޖު ޖާގަ ޔަގީން ކޮށްފައިވާ މާޒިޔާއިންވެސް ވަނީ މުބާރާތަށް ބޮޑު ހޭދައެއް ކޮށްފައެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕުވެސް ރާއްޖެއިން ހޯސްޓު ކުރަން އުޅެނިކޮށް އެ ފަހަރު މުބާރާތް އޭއެފްސީން ކެންސަލް ކޮށްފައިވާ އިރު، އެފަހަރުވެސް މާޒިޔާއަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިވެފައެވެ. މިނިސްޓަރު މަހުލޫފް އިއްޔެ ފާހަގަކުރައްވާފައިވާ ގޮތުގައި މާޒިޔާއިން މިއަހަރުގެ މުބާރާތަށްވެސް ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހަރަދު ކޮށްފައެވެ.
މިހާތަނަށް ގްރޫޕް ސްޓޭޖު ޔަގީންވެފައިވާ ޓީމުތަކަކީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. ގްރޫޕްގެ ފަހު ޖާގަ ޔަގީންވާނީ އީގަލްސްއާއި ބެންގަލޫރު އެފްސީ މެޗަށްފަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު