މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް އަދި ސެލޫން ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ ވިލިމާލެ އަދި ތިލަފުށީގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި އެނޫން ވެސް އެފަދަ ކުލާސްތަކާއި ގުރޫޕް ކަސްރަތު ހަރަކާތްތަކާއި ސްލޫން ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން އަންގާ ކަމަށެވެ.
އެ އެންގުމަށް އަމަލުކުރަން އަންގާފައިވަނީ މިރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެކަށެވެ.
އޭގެ އިތުރުން އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތައް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށް އެންގުމުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، މީގެ ކުރިން ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަކަށް ގޮސްފައިވާ އިރު، ސިއްހީ ނިޒާމަށް ނުކަތާވަރު ވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. އެގޮތުން އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން ވަނީ 700 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެއާއެކު ކޭސްތައް ދަށް ކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ. އެގޮތުން މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ފަށާނެއެވެ. އަދި ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ބަންދުކޮށްފައިވާ އިރު ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
އޭގެ އިތުރުން ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިރު، ސަރުކާރު އޮފީސްތައްވެސް ދިހަ ދުވަހަށް ވަނީ ބަންދުކޮށްފައެވެ. އަދި މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށްވެސް މިހާރު ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)