ކޮރަޕްޝަންގެ މައްސަލަތުގައި މިހާތަނަށް އަަމަލު ކުރަމުން އައި "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު" މިއަދުން ފެށިގެން އުވިއްޖެއެވެ.

މިގާނޫނު އުވުނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރެއްވުމާ ގުޅިގެންނެވެ.

އެ ބިލުގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލު ކުރަން ފަށާނީ، ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރަން ފެށުމާއެކުގައި ކަމަށެވެ. އެހެންކަމުން މި ބިލު ގާނޫނަކަށް ވެ މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަމުން ގެންދާނެއެވެ.

އެ ގާނޫނުގެ 533 ވަނަ މާއްދާގެ ހަތަރު ވަނަ ނަންބަރުގައި ބުނެފައި ވަނީ، މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު" އުވުނީ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 2000 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ގާނޫނެކެވެ.

ނަވާވީސް މާއްދާގެ މައްޗަށް އެކުލެވޭ އެ ގާނޫނަކީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ހުއްޓުވުމާއި، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި، އެފަދަ ފައިދާ ހޯދައިދިނުން ހުއްޓުވުމާއި އެކަންތައްތައް މަނާ ކުރުމުގެ ގާނޫނެވެ.

މި ގާނޫނުގައި، ސަރުކާރުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ދިނުމާއި ހިފުމުގެ ކުށާއި، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ކުށާއި، އަމިއްލަ ފައިދާ ލިބޭ ގޮތަށް ސަރުކާރުގެ ތަކެތި ބޭނުން ކުރުމާއި ސަރުކާރަށް ތަކެތި ހޯދުމާއި، ސަރުކާރުގެ މަސައްކަތް ހަވާލު ކުރުމުގައި ހިމެނޭ ކުށްތަކާއި، އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސް އާއި ވަޒީރުންނާއި ސަރުކާރު މުވައްޒަފުން ވިޔަފާރި ކުރުމުގައި ހިމެނޭ ކުށްތަކުގެ އިތުރުންވެސް ވަރަށްގިނަ ކުށްތަކެއް ވަނީ ބަޔާން ކޮށްފައެވެ.

އެ ކުށްތަކުގެ އަދަބުތައްވެސް އެ ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.

އެ ގާނޫނުގައި ބުނެފައިވާ ކުށެއް ސާބިތުވެއްޖެ މީހަކަށް، އެ މީހަކު ކުރި ކުށުގެ ސަަބަބުން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާ ނަމަ، އަދި އެ ތަކެއްޗަކީ ކޮންމެ ތަނެއްގައި އަދި ކޮންމެ މީހެއްގެ އަތުގައި، އަދި އެ ތަކެއްޗަކީ ވިއްކާފައިވާ ތަކެތި ނަމަވެސް އެތަކެތި އަތުލެވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.