ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު އުވާލާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލަކީ 19 އެޕްރީލް 2021 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގައި އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި "ކޮރަޕްޝަން" ކަމަށް ބުނެފައިއެ ވަނީ، ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި ޢަމަލުތައް ހިމެނޭގޮތުން ކަމަށް ހިމަނާފައިވެއެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޮރަޕްޝަންގެ ކުށް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 510، 513، 515، 516، 517 އަދި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ގާނޫނަށް އަމަލު ކުރަން ފެށޭނެ އެވެ.

މީގެ ކުރީން އޭސީސީގެ ގާނޫނުގައި ކޮރަޕްޝަން ކަމުގައި ބުނެފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައި ބުނެފައިވާ ކުށްތަކަށެވެ. ނަމަވެސް މިއަދު ތަސްދީގު ކުރެއްވި އިސްލާހުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައި ބުނެފައިވާ ކުށްތައް އޭސީސީގެ ގާނޫނުގައި ހިމެނޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.