ރާއްޖޭގައި ކޮވިޑް 19ގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުންދާ ދިއުމާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރުމަށް މަޝްވަރާތައް ފަށައިފިއެވެ.
މިނިސްޓަރު މަހުލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ދިއުމާއެކު އޭއެފްސީގެ މެޗުތައް ކުޅުމަށް އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ސެންޓްރަލައިޒްކޮށް ކުޅޭ އޭއެފްސީ ކަޕްގެ ސައުތު އޭޝިއާ ޒޯންގެ މެޗުތައް ފަސްކުރުމަށް އޭއެފްސީއާއެކު ވާހަކަތައް ފަށާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
މިމަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ކުލަބް އީގަލްސްއާ ދެކޮޅަށް އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ކޮލިފިކޭޝަން މެޗު ފުރަތަމަ އޮންނަ އިރު، އޭގެ ފަހުން އޭއެފްސީ ކަޕު ގުރޫޕް ޑީގެ މެޗުތައްވެސް ހޯސްޓް ކުރާނީ ރާއްޖޭގައެވެ. ގުރޫޕު ސްޓޭޖު މިހާތަނަށް ޔަގީން ކޮށްފައިވަނީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއެވެ. ފަހު ޖާގަ ޔަގީން ވާނީ ކޮލިފިކޭޝަން މެޗުންނެވެ.
ކޮލިފިކޭޝަން މެޗު 11 ގައި ކުޅުމަށް މިހާރު ތާވަލުކޮށްފައިވީ ނަމަވެސް، އެ މެޗުވެސް ކުޅޭނެ ކަމަކަށް މިހާރު ނުބެލެވެއެވެ. އެ މެޗާ ގުޅިގެން ވަކި އެއްޗެއް މިނިސްޓަރު އަދި ވިދާޅުވެފައި ނުވި ނަމަވެސް، އެ މެޗަށް ބެންގަލޫރު އެފްސީ ގެންނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތް އިރު، އެ ގައުމުން ޓީމެއް ގެނައުމަކީ ގިނަ ބަޔަކަށް ކަންބޮޑުވުމަކަށްވީ ނަމަވެސް، ބެންގަލޫރު އެފްސީ މިވަގުތު ތިބީ ބަޔޯ ސެކުއާ ބަބުލްއެއްގައިކަން ފާހަގަކޮށްލެވެއެވެ. އެގައުމުގެ ފުޓުބޯޅަ ސީޒަން ނިމުނުފަހުންވެސް ހޮޓަލުގައި ބެންގަލޫރު އެފްސީ އެކަހެރިކޮށް މިހާރު ގާތްގަނޑަކަށް އަށް މަސް ވަންދެން ކޭމްޕް ކޮށްފައިވާ އިރު، ރާއްޖެއިން އޭއެފްސީ ކަޕްގެ ހުރިހާ މެޗެއް ހޯސްޓް ކުރަން މަސައްކަތް ކުރީވެސް ބަބުލް ސިސްޓަމަށެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕުވެސް ރާއްޖެއިން ހޯސްޓު ކުރަން އުޅެނިކޮށް އެ ފަހަރު މުބާރާތް އޭއެފްސީން ކެންސަލް ކޮށްފައިވާ އިރު، އެކަމުގެ ސަބަބުންވެސް ގުރޫޕް ސްޓޭޖަށް ތައްޔާރުވި މާޒިޔާއަށް ވަނީ އަރައިނުގަނެވޭނެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް