ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ގދ. ގައްދޫ ކައުންސިލުގެ ރައީސަކަށް އިންތިހާބުވި ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) ޖަލުން ދޫކޮށްލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު މިރޭ "ވަން" އަށް ވިދާޅުވީ އަހުމަދު މުހައްމަދުގެ ބަންދުގެ މައްސަލަ ކޯޓުން ބާތިލުކުރުމާއެކު، އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ގައްދޫ ކައުންސިލް ރައީސްކަން ކުރި އެމްޑީގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް، ގައްދޫ ކައުންސިލްގެ ރައީސް ކަމަށް، އެމްޑީ އިންތިހާބު ކުރީ އޭނާ ކ. މާފުށީ ޖަލު ބަންދުގައި ހުއްޓައެވެ. އޭނާ ބަންދުން ދޫކޮށްލި އިރު، އޭނާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާ، ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެ މައްސަލައަކީ 2015 ވަނަ އަހަރުގެ މައްސަލައެކެވެ.

މީގެ އިތުރުން މީހަކު ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރު ނުވަތަ ފޮޓޯ ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރު ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ތިން ދައުވާވެސް އެ ކޯޓުގައި ކުރިއަށްދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ސާބިތުވެފައިނުވާތީ، އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެއް ނުވެއެވެ. އެހެންވެ އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.

މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ ކޯޓުގައި މައްސަލަ އޮތުމަކީ ކެންޑިޑެސީ ބާތިލުވާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ މައްސަލަތަކުގެ ކުށް ސާބިތުވެ، ހުކުމް އިއްވައިފިނަމަ ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ކުރިން އެމްޑީގެ މައްސަލަ އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަމާލުކަމަށް އައުމާއެކު އެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އޭނާގެ މައްސަލަ އެ ކޯލިޝަނުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެ ކޯލިޝަނުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.