އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ ގުޅިގެން ޓާފް ދަނޑު އަޅަން ނިންމާފައިވާ 16 ރަށެއްގެ މިއަދު އިއުލާން ކޮށްފިއެވެ.

އެ ރަށްތައް އިއުލާން ކުރީ މިއަދު މެންދުރު އެފްއޭއެމް ހައުސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެކުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އެގޮތުން އެފްއޭއެމުން ޓާފް ދަނޑު އަޅަން ނިންމާފައިވާ ރަށްތަކަކީ އދ. ދަގެނގި، ލ. މާބައިދޫ، ގދ. ނަޑެއްލާ، ބ. ކަމަދޫ، މ. ނާލާފުށި، ށ. ކޮމަންޑޫ، ކ. ހުރާ، ރ. އިނގުރައިދޫ، ފ. ބިލެއްދޫ، ހއ. ކެލާ، ތ. ގުރައިދޫ، އއ. އުކުޅަސް، ތ. ވަންދޫ، ގއ. ގެމަނަފުށި، އއ. މާޅޮސް އަދި ގއ. ކޮލަމާފުއްޓެވެ.

އެ ދަނޑުތަކަކީ މީގެ ކުރިންވެސް އެފްއޭއެމުން އިއުލާން ކޮށްފައިވާ 20 ދަނޑުގެ ތެރޭގައި ހިމެނޭ ދަނޑުތަކެވެ. އެ ދަނޑުތައް އެޅުމަށް އިއުލާން ކޮށްފައި ވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ ހަވާލުކޮށްގެންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ކޮންމެ ދަނޑަކީ ވެސް ފީފާ އެޕްރޫވް ޓާފް ދަނޑެއް ކަމަށެވެ. އެގޮތުން އެ ދަނޑުތަކުގެ ވަަށައިގެން ފެންސް ޖަހައި، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރާނެ ކަމަށާއި އަދި މި ދަނޑުތަކަކީ ދިވެހި ޕްރިމިއާ ލީގު ކުޅެވޭ ފެންވަރަށް ގާއިމްކުރެވޭ ދަނޑުތަކެއް ކަމަށް ވިދާޅުވިއެވެ.

"މުސްތަގުބަލުގައި އަޅުގަނޑުމެން 2023/2024 ގައި ރާވާފައި މިވާ ބޮޑު ފުޓްބޯޅަ ލީގު. ނުވަތަ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރުމަށް މިކުރެވޭ މަސައްކަތުތައި މި ދަނޑުތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފިގެންދާނެ. އަޅުގަނޑުމެން މި ދަނޑުތައް އެޅުމުގެ މައިގަނޑު ބޭނުމަކަށް މިވަނީ މި މުބާރާތަށް މި ލީގަށް ސަރުކާރާ ގުޅިގެން އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ދަނޑުތަކެއް އެޅިގެންދިއުން،" ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގެ ސަރުކާރުން 100 ދަނޑަށް އަމާޒު ހިފާފައިވާ އިރު މިއަދުގެ ޕްރެސްގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ މިހާރުވެސް ސަރުކާރުން 75 ދަނޑެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދަނޑުތައް ގިނަވެގެން ގޮސް މިހާރު ބައެއް ފަރާތްތަކުން ފާޑު ކިޔަމުންވެސް ދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ދަނޑުތައް އަޅަން ޖެހެނީ އެއީ އެރަށްރަށުގެ ޒުވާނުން އެންމެ ފުރަތަމަ އެދޭ ކަންތަކަށް ވާތީ ކަމަށާއި ކުޅިވަރު ތަފާތުކުރުން މި ސަރުކާރުން ނުގެންގުޅޭނެކަން އެތައް ގޮތަކުން ސާބިތުކޮށްދީފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، އެފްއޭއެމްގެ ލިސްޓު އެކުލަވާލާފައި ވާނީ މިނިސްޓްރީގެ އިތުރުން ރައީސް އޮފީހާވެސް މަޝްވަރާކޮށް، އެކަމަށް ބޭނުންވާ ރަށްރަށް ހިމަނައިގެން ކަމަށެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް ދަނޑުތައް ނިންމައި މުޅި ރާއްޖެއަށް ލީގު ފުޓުބޯޅަ ފުޅާކުރެވިއްޖެނަމަ އެއީ ފުޓުބޯޅައަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށްވެސް މަހުލޫފު ފާހަގަކުރެއްވިއެވެ.