މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކޮށް ބޮޑެތި މަސްއޫލިޔަތުތަކެއް އެ މިނިސްޓްރީއާ މިއަދު ހަވާލު ކުރައްވައިފިއެވެ.
އެ މިނިސްޓްރީއާ ރައީސުލް ޖުމްހޫރއިްޔާ ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ތިމާވެއްޓާއި މޫސުމާބެހޭގޮތުން، ސަރުކާރުން ކުރިއަށް ގެންދާ ކަންތައްތަކާއި، އެ ދާއިރާތަކުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ އެންމެހައި ކަންތައްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާބެހޭ އެންމެހައި މަސައްކަތްތަކާއި ސައެންސް އެންޑް ޓެކްނޯލޮޖީއާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާބެހޭ އެންމެހައި މަސައްކަތްތަކާއި، ޓެކްނޮލޮޖީގެ ދާއިރާ ކުރިއަރުވައި އެދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުން ހިމެނެއެވެ.
ހަމައެކަނި ތިމާވެއްޓާއި މޫސުމާ ގުޅުން ހުރި ކަންތައްތަކުގެ ތެރެއިން އެ މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތަކާއި އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކުގެ އަދަދު 60 އަށް އަރާއިރު، ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭ ގޮތުން އިތުރު މަސައްކަތްތަކާއި، އިތުރު މުއައްސަސާތައްވެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުންދާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.
އެގޮތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ ގޮތުގައި ހަމަޖައްސައިފައެވެ.
- 1. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި، މީޓިއޮރޮލޮޖީއާއި، ޓެކްނޯލޮޖީއާއި، ސައެންސާއި، ކޮމިއުނިކޭޝަނާބެހޭ ސިޔާސަތު ކަނޑައަޅައި ހިންގުން.
- 2. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި، މީޓިއޮރޮލޮޖީއާއި، ޓެކްނޯލޮޖީއާއި، ސައެންސާއި، ކޮމިއުނިކޭޝަނާބެހޭގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހަދައި ހިންގުން.
- 3. ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ރާއްޖޭގައި ހަކަތައާއި، ފެނާއި، ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ސްޓްރެޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން.
- 4. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ މަޝްރޫއުތަކުގެ ކޮންސެޕްޓް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.
- 5. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީގެ މަސައްކަތްތައް ހިންގާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.
- 6. ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގައާއި، ބައިނަލްއަގްވާމީ ފެންވަރުގައި ބޭއްވުމާއި، މިކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްނަގައިގެން، ކަންތައްތައް ރާވައި ހިންގުން.
- 7. ދިވެހިރާއްޖޭގެ ތަރައްގީ ބައްޓަންކުރުމުގައި، ގުދުރަތީ މާހައުލު، ތަރައްގީގެ ބިންގަލެއްކަމުގައި ހަދަން މަސައްކަތްކުރުން.
- 8. މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެކަމާގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
- 9. މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫއުތައް ރާވައި، ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަމަށް ފައިސާ ހޯދުން.
- 10. މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތައް ވިލަރެސްކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- 11. ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލައި، އެ ސްޓްރެޓެޖީތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
- 12. ގާނޫނު ނަންބަރު 78/77 (ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ގާނޫނު) ތަންފީޒުކުރުން.
- 13. ރާއްޖޭގައި ފެން އުފެއްދުމާއި، ބޭނުންކުރުމާއި، އެތެރެކުރުމާއި، ބޭރުކުރުމާއި، ވިއްކުމާއި، މިކަންކަމާބެހޭ އުސޫލުތަކާއި، ގަވާއިދުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެކަންކަން ހިންގައި ބެލެހެއްޓުން.
- 14. އާންމު ދިރިއުޅުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުންވާ ފެން ލިބެންހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެވަސީލަތްތައް ރާއްޖެއަށް ތައާރުފުކުރުމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަދި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްގީކުރުމަށް މަގު ތަނަވަސްކޮށްދިނުން.
- 15. ރާއްޖޭގެ ރަށްރަށުގެ މީރު ފެންފަށަލަ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ރާވައި ހިންގުން.
- 16. ރާއްޖޭގެ ރައްޔިތުންނަށް، ސާފުތާހިރު އަދި ރައްކާތެރި ފެން ލިބިދިނުމަށްޓަކައި، ފެނުގެ ނިޒާމް ފަރުމާކޮށް ގާއިމުކުރުމާއި، ރަށްރަށުގައި ފެން ރައްކާކުރުމުގެ ވަސީލަތްތައް އިތުރުކުރުމާއި، ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމާގުޅޭ އެންމެހައި ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.
- 17. ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ރަށްރަށަށް ސާފު ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި، މި ނިޒާމުގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުން.
- 18. ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ އިންތިޒާމުތައް ރޭވުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ތިމާވެށްޓާ ރަޙުމަތްތެރި ނަރުދަމާގެ ނިޒާމް ފަރުމާކޮށް ގާއިމުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.
- 19. ފެނާއި ނަރުދަމާއާބެހޭ ކަންތައްތައް ރާވައި ހިންގުމުގައާއި، ހހިދުމަތް ފޯރުކޮށްދީ ބޭނުންކުރުމުގައާއި، ފަންނީ ރޮނގުންނާއި އިގުތިސާދީ ގޮތުން ނިންމުންތައް ނިންމުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.
- 20. ފެނާއި ނަރުދަމާގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، އެ ހިދުމަތް ފުޅާކޮށް، އެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ އަދި ހެޔޮ އަގެއްގައި ހިދުމަތް ދިނުމަށްޓަކައި، ވާދަވެރި މާހައުލަކަށް ދާއިރާ ހުޅުވާލުމާއި ބެހޭ ސްޓްރެޓެޖީތައް އެކުލަވާލައި ހިންގުން.
- 21. ރާއްޖެއަށް އެކަށީގެންވާ، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް އެކަށައަޅައި، ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.
- 22. އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލާނެ ވަސީލަތްތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރުމާއި، ކުނި ނައްތަލާނެ އެކަށީގެންވާ ނިޒާމެއް ރަށު ފެންވަރުގައި ގާއިމުކުރުމަށް ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- 23. ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.
- 24. ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގެ ސްޓްރެޓެޖީތައް އެކުލަވައިލައި ތަންފީޒުކުރުމާއި، ހިމާޔަތްކުރާ ތަންތަނާއި ސަރަޙައްދުތައް ކަނޑައެޅުމުގެ މިންގަނޑުތައް ހެދުމާއި، ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ފައިދާ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބޭކަން ކަށަވަރުކުރުން.
- 25. ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް ގަވާއިދުތައް ހަދައި، ހިންގުން.
- 26. ރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑީގެ ބިމާއި، ކަނޑުގެ ބިމުގެ އަޑީގައި މެރީން ސްޓްރަކްޗަރތައް ޤާއިމުކުރުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.
- 27. ދަތުރުފަތުރުގެ ދާއިރާއިން ތިމާވެށްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެމެހެއްޓެނިވިގޮތެއްގައި ހިންގައި ބެލެހެއްޓުމާއި، މިކަމާގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.
- 28. ތިމާވެށްޓަށް ރައްކާތެރި ގޮތެއްގެ މަތިން ރާއްޖޭގައި ކުނި މެނޭޖްކުރުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.
- 29. ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމުގެ ނިޒާމެއް ޤާއިމުކުރުން.
- 30. އާންމުކޮށް ބޭނުންކުރާ ފެނުގެ ހިދުމަތާއި، ނަޖިހާއި، ނަޖިސްފެން އުކާލުމުގެ ނުވަތަ ނައްތާލުމުގެ ހިދުމަތް ވިޔަފާރި އުސޫލުން ދިނުމަށްއެދޭ ފަރާތްތަކުން، އެ ހިދުމަތްތަކަށް އަގުނެގުމަށް ބޭނުންކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
- 31. ސަރުކާރުގެ ހަކަތައާބެހޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ހަކަތައިގެ ދާއިރާ ހިންގައި ބެލެހެއްޓުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.
- 32. ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުންކުރުމާބެހޭ ގަވާއިދުތަކާއި، ރެގިއުލޭޓަރީ ކޯޑަކާއި، ސްޓޭންޑަރޑްތައް ހެދުން.
- 33. ރާއްޖެއަށް އެތެރެކުރާ ހަކަތައާއި، ރާއްޖޭގައި ވިއްކާ ނުވަތަ ބޭނުންކުރާ ހަކަތަ އުފައްދާ ވަސީލަތްތަކުގައި ހުންނަންޖެހޭ ސްޓޭންޑަރޑްތައް ކަނޑައެޅުން.
- 34. ހަކަތައާބެހޭ އެކިއެކި މަޝްރޫއުތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، ބަލަހައްޓައި މިމައުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- 35. ގާނޫނު ނަންބަރު 96/4 (އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.
- 36. ހަކަތައިގެ ދާއިރާ ރާވައި ހިންގައި، ހަކަތަ އުފައްދައި، ފޯރުކޮށްދިނުމާއި ބޭނުންކުރުމުގައާއި، ފަންނީ އަދި އިގުތިސާދީ ނިންމުންތައް ނިންމުމުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.
- 37. ރާއްޖޭގެ އިގުތިސާދީ ސަރަޙައްދު (އެކްސްކުލޫސިވް އިކޮނޮމިކް ޒޯން) ގެ ތެރޭގައި ހުރި ހަކަތަ އުފެއްދިދާނެ ޤުދުރަތީ ވަސީލަތްތަކަކީ ކޮބައިތޯ ބެލުމަށް ކަމާބެހޭ ދިރާސާތައް ކުރުން.
- 38. ރާއްޖޭގެ މާހައުލާގުޅޭ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދިދާނެ ވަސީލަތްތަކާބެހޭ ދިރާސާތައްކޮށް، ކަމާބެހޭ ފަރާތްތަކާގުޅިގެން އެފަދަ ވަސީލަތްތައް ރާއްޖެއަށް ތައާރުފުކުރުން.
- 39. ދައުލަތުގެ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމާއި، ޑޭޓާ އިންޓަގްރޭޓް ކުރުމާއި، ޑޭޓާ މެނޭޖްކޮށް، ޑޭޓާ ރައްކާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
- 40. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
- 41. ގައުމީ ތަރައްގީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ކޮމިއުނިކޭޝަނާއި ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭން އެކުލަވާލައި ތަންފީޒުކުރުން.
- 42. އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) އާއި، އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިކޭޝަން (އޭ.ޕީ.ޓީ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނުގެ ހިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
- 43 ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޕޯސްޓުގެ ހިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
- 44. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ރާވައި ހިންގުން.
- 45. ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އައު ޓެކްނޯލޮޖީ ރާއްޖެއަށް ތައާރުފުކުރުމާއި، އެފަދަ ޓެކްނޯލޮޖީއާބެހޭ މިންގަނޑުތައް ކަނޑައެޅުން.
- 46. ރާއްޖޭގައި ކޮމްޕިއުޓަރ ޓެކްނޯލޮޖީ ކުރިއަރުވައި، އެކި ރޮނގު ރޮނގުން ރާއްޖޭގައި ދޭ ހިދުމަތްތަކުގެ ފެންވަރު ކޮމްޕިއުޓަރ ޓެކްނޯލޮޖީ ބޭނުންކޮށްގެން މަތިކުރެވޭނެ ގޮތްތައް ހޯދުން.
- 47. ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި ކޮމިއުނިކޭޝަނާއި، ސައިންސާއި ޓެކްނޯލޮޖީގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.
- 48. ރާއްޖެއަށް އެންމެ ފައިދާކުރަނިވިގޮތަށް ސައެންސާއި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށްޓަކައި، ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ދިރާސާތައްކުރުމާއި، އެފަދަ ދިރާސާތައްކުރުމަށް ހިތްވަރުދިނުން.
- 49. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ގާއިމުކުރާ ގައުމީ ސައެންސް ފައުންޑޭޝަން ގާއިމުކޮށް ހިންގުން.
- 50. ރާއްޖޭގައި ސައެންސާއި، ޓެކްނޯލޮޖީގެ ޕާކްތަކާއި އިންޓަރެކްޓިވް ސެންޓަރުތަކާއި އިންކިއުބޭޓަރތައް ގާއިމުކުރުމާބެހޭ ސިޔާސަތުތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، މިފަދަ ތަންތަން ގާއިމުކޮށް ހިންގުން.
- 51. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް ސްޓެރެޓެޖީތައް އެކުލަވައިލައި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައްކުރުމަށް ގްރާންޓް ދިނުން.
- 52. ރާއްޖޭގައި ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގްވާމީ އެހީ (ގްރާންޓް) ހޯދައި، ސައެންސާއި ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރުކުރުން.
- 53. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތައް ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިމަނައި ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެ، މައުލޫމާތު ފޯރުކޮށްދިނުން.
- 54. ގައުމީ ތަރައްގީގެ ޕްލޭންގައި އެކަށައަޅާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ކޮމިއުނިކޭޝަނާއި ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫއުތަކާއި، ހަރަކާތްތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.
- 55. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
- 56. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމުގައާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
- 57. މިނިސްޓްރީގެ މަސައްކަތު ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކަށް އަމަލުކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެފަދަ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، އަދި އެފަދަ މުއާހަދާތަކުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
- 58. މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްއިއްޔާ ޖަމާއަތް ބައިވެރިކުރުވުމާއި، އެފަރާތްތަކުގެ ދައުރު ފުޅާކުރުން.
- 59. މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- 60. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް