އެންވަޔަރަންމެންޓް މިނިސްޓްރީގެ ނަން ބަދަލުކޮށް އެ މިނިސްޓްރީގެ ވަޒީރު ކަމަށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ ހަމަޖައްސަވައި އެންވަޔަރަން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރު ކަމަށް ހަމަޖައްސަވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ގެންނެވި ބަދަލާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަމަށެވެ.

އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގައި ތިބި މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ގެންނެވި މި ބަދަލާއެކު، ހުސްވެފައިވާ ފިޝަރީސް މިނިސްޓަރު ކަމުގެ މަގާމަށް، ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ އައްޔަން ކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސެއިން ރަޝީދު ހަސަން މިހާތަނަށް ހުންނެވީ މިނިސްޓާ އޮފް އެންވަޔަރަންމަންޓްގެ މަގާމުގައެވެ.

އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވީ ޒަހާ ވަހީދެވެ. އޭނާ އެ މަގާމުން ވަކިކުރެއްވުމަށްފަހު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ވަނީ ބަދަލު ކުރައްވައިފައެވެ.

މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް ޝައުނާ އައްޔަން ކުރެއްވުމާ ގުޅިގެން ހުސްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އަހުމަދު ހަމްދާން ވަނީ ހަމަޖައްސަވައިފައެވެ.