ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ބައެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ޕޮލިސީތަކަށް އަދި މި ސަރުކާރުން ކުރާ މަސައްކަތްތަކައް އިދިކޮޅު ފަރާތްތަކަށް ޖަވާބެ ނުދެވޭ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާ ގޮތާއި ބެހޭގޮތުން އަދި ނަތީޖާ ނެރެދެމުންދާ ގޮތާއި ބެހޭގޮތުން މިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެކަމަށް ބުނެވޭނެ އިދިކޮޅު ލީޑަރެއް ނެތް ކަމަށެވެ.
"ސިޔާސީ މަސައްކަތް ކުރަން މިތަނަށް ޒިންމާދާރު އޮޕަޒިޝަނެއް އަޅުގަނޑުމެން އެބަ ބޭނުންވޭ. އަޅުގަނޑުމެން އެންމެން ދުއާ ކުރަންވީ މިތަނަށް ޒިންމާދާރު އޮޕަޒިޝަނެއް އަންނާނެ ދުވަހަކަށް. މިއުޅޭ ބަތް ކައްކާ ކުޅޭ މިގޮތަށް ސަކަރާތް ޖަހާ ދެ އިއުޅިއެއްނުވާ ފަރާތްތަކެއް މިތާ އޮޕަޒިޝަން ގޮތުގަ އޮވެގެން ގައުމަށްވާނެ ފައިދާއެއް ނެތް" ރައީސް ވިދާޅުވިއެވެ.
"އެކަކު އަނެކަކުގެ ކަރުގައި ހިފައިގެން ތިބި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިއައިގެން ވާހަކަ ދައްކަވާއިރު، ހުސް ފެއިލިއަރުން މިތިބީ. ހުސް ފެއިލިއަރުން ނުކުމެ ގައުމުގެ ވާހަކަ ދެއްކީމަ ޒުވާން ކުދިން މިކަންކަން އެނަލައިސިސް ކުރާއިރު، އެ ކުދިން ތިބޭނީ ޑިޕްރެސްވެފައި"
އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތީ އަމިއްލަ އެދުން ކަމަށެވެ. ޒިންމާދާރު އިދިކޮޅު ބައެއްގެ ގޮތުގައި ކަންކަން ކުރުމުގެ ވައްޓަފާޅިއެއް އެ ފަރާތްތަކުގެ ތެރޭގައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެކުރިން ސިޔާސީ މީހުން ކިރިޔާ އެއްޗެއް ބުނެލާއިރަށް ޖަލަށްލާފައިވާކަން ފާހަގަކުރައްވާފައި ރައީސް ވިދާޅުވީ މި ސަރުކާރުން އެގޮތަށް ކަންތައް ކުރަމުން ނުދާ ކަމަށެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާ ކުރިއަށް ދިޔައިރު އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފުން ދިޔައީ އެ ސަރަހައްދުގައި ޖަލްސާ ބާއްވައި، މުޒާހަރާ ކުރަމުންނެވެ. އެކަމަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައިވާކަން މިރޭ ސާފުކޮށް ފެންނަމުންދާ ކަމަށެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ރާއްޖެއަށް ވުރެ ބޮޑަށް އޮތް އެހެން ގައުމެއް ނެތްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު