މުޅި ދުނިޔެ އެ ބަލިމަޑުކަމަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ކޮވިޑް 19 ރާއްޖެއިން ފެނުނު އިރުން ފެށިގެން މިއަދާ ހަމައަށްވެސް ދެކެވެމުން އަންނަ އެއްވާހަކައަކީ ހާލަތު ގޯސް ވެއްޖެ ނަމަ ފަރުވާ ދެވޭނެ ގާބިލުކަން ރާއްޖޭގެ ސިއްހީ ނިޒާމުގައި ނެތް ކަމެވެ. ސިއްހީ ހިދުމަތްތެރީން މަދުވުމުން ގިނަ ބަޔަކަށް ބަލި ޖެހިއްޖެނަމަ، ފަރުވާ ނުދެވި އެތައް ބަޔަކު ދޫކޮށްލަން ޖެހިދާނެ ހާލަތަށް ގޮސްދާނެ ވާހަކައެވެ. ކޮވިޑު ކޮންޓްރޯލް ކުރުމަށް، ސިއްހީ ހިދުމަތްތެރީން ކެނޑިނޭޅި މަސައްކަތްކުރާތާ މިވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ. ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި، ސިއްހީ މާހިރުން އެ އަންނަނީ، ކޮވިޑުގެ ހާލަތުން އާންމު ހާލަތަށް ގައުމު ގެންދެވޭތޯ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ކޮވިޑާއި ގުޅިގެން އެންމެ ފުރަތަމަ އުފެއްދި ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މީގެ ކުރިން ބުނި ގޮތުގައި ރާއްޖޭގައި ތިބީ 905 ޑޮކްޓަރުންނާއި 3،000 އެއްހާ ނަރުހުންނެވެ. ހާލަތު ގޯސްވެއްޖެ ނަމަ މިއީ ވަރަށް މަދު އަދަދެކެވެ. އެއީ ކޮވިޑް ނޫން ބަލިތަކަށްވެސް ސިއްހީ ހިދުމަތްތެރީން ބޭނުންވާނެތީއާވެސް އެކުގައެވެ. އެހެން ވެ، ސަރުކާރުން މީގެ ކުރިން ވަނީ އެތައް ފަހަރެއްގެ މަތިން ސިއްހީ ހިދުމަތްތެރީން ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ބޭރު ގައުމުތަކުގައި ތިބި ސިއްހީ ދާއިރާތަކުން ތައުލީމު ހާސިލް ކުރާ ދިވެހި ދަރިވަރުންގެ ތެރެއިން ގައުމަށް ހިދުމަތްކޮށްދޭން ބޭނުން ދަރިވަރުން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްދިނެވެ. މަސައްކަތުން އެކަހެރި ވެފައި ތިބި ސިއްހީ ހިދުމަތްތެރީން އަލުން އަނބުރާ ސިއްހީ ނިޒާމުގެ ތެރެޔަށް ވެއްދިއެވެ. އެވަރުންވެސް ސިއްހީ ހިދުމަތްތެރީންގެ ތަދުކަން ރާއްޖެއަށް އޮތެވެ.

ހިދުމަތުގައި ތިބި، ސިއްހީ ހިދުމަތްތެރީންނާއެކު، ރާއްޖެއިން ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަތާ އަހަރަަކަށް ވުރެ ގިނަ ދުވަސްވީއިރު ހިތި ތަޖުރިބާތަކެއްވެސް ކޮށްފިއެވެ. ކޮވިޑް ބަލީގައި ރާއްޖެއިން 74 މީހަކު މަރުވިއިރު، ކޮވިޑްގެ ރާޅުތަކާއެކު ދިވެހިންނަށް އަދިވެސް ތިބީ ހިންދެމިލާނެ ފުރުސަތެއްވެސް ނުލިބިއެވެ. ކޮވިޑްގެ ކޭސްތައް މަދުވުމަށް ފަހު އަނެއްކާވެސް މިވަނީ ކޮވިޑްގެ ނަންބަރުތައް ރެކޯޑް މިންވަރަކަށް އިތުރުވެއެވެ. ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވެ، ސިއްހީ ނިޒާމަށް ބާރު ބޮޑު ވެފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ބޮޑެތި ފިޔަވަޅުތައް އަޅަން މަޖުބޫރުވާ ހިސާބަށް ކަންކަން ދިޔައީ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުންގެ ލަފާގެ މަތިން ފިޔަވަޅުތައް އެޅި ނަމަވެސް، ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަމަށް ސިއްހީ މާހިރުން އަބަދުވެސް ބުނެއެވެ. ކޮވިޑާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ރައްޔިތުން ތަބާ ވުމަކީ ސިއްހީ މާހިރުންގެ އަބަދުގެވެސް އާދޭހެވެ. ނަމަވެސް ފެނިގެންދާ ހިތި ހަގީގަތަކީ ސިއްހީ މާހިރުންގެ ބަސް އެހެނީ މަދު ބަޔަކަށް ކަމެވެ. ލުއިތައް ދިނުމުން ފަރުވާލެއް ނެތި އުޅޭނެ ގޮތަކަށް އުޅުމުގެ ސަބަބުން އެއަށް ވުރެ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހުނު އެތައް ފަހަރެއް ދިވެހިން ދެކެފިއެވެ. ބަސް ނޭހުމާއި ނުކިޔަމަންތެރިކަމުގެ ސަބަބުން ކޮވިޑް ފެތުރުން އިތުރުވެފައިވާ ކަމަށް ބުނެވޭނެ ޖާހަ ހަމަ ޔަގީނުންވެސް މިހާރު އެބައޮތެވެ. ހަފުލާތައް ބޭއްވުން މަނާކޮށްފައި އޮތް އިރުވެސް ހަފުލާތައް ބޭއްވިއެވެ. ސިއްހީ ހިދުމަތްތެރީންނަށް ގޮންޖަހާލުމަށް ފަހު، ބޮޑެތި އެއްވުންތައް ބާއްވައި، ކެފޭ ރެސްޓޯރެންޓާއި މަގުތަކުގައި ގައިޑްލައިނާ ހިލާފަށް އުޅެން ފެށިއެވެ. މާސްކަކީ ދަތްދޮޅީގައި އަޅާ އެއްޗަކަށް ވީ މަންޒަރު ފެނުނެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން މިހާތަނަށް އައިއިރު އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެގޮތުން އިއްޔެ އެކަނިވެސް 601 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ދުވަހު ނަންބަރުތައް އުޅެނީ 400 އިން މަތީގައެވެ. ސިއްހީ މާހިރުން ސިފަކުރާ ގޮތުގައި މިއީ ކޮވިޑްގެ އާ ސާޖެކެވެ. ނުވަތަ ކޮވިޑްގެ ހަތަރު ވަނަ ރާޅެވެ. ކޮވިޑުގެ ހަތަރުވަނަ ރާޅަކާ ކުރިމަތި ވެ، ރާއްޖޭގެ ހާލަތު ބޮޑުތަނުން ގޯސް ވެފައި ވާއިރު، އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރެން ގާތްވެފައިވާއިރު، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައިވެސް 150 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައިވާއިރު، ދިވެހިންނަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީ، ސިއްހީ ހިދުމަތްތެރީން ވަރުބަލިވެފައި ވުމެވެ. ސިއްހީ ހިދުމަތްތެރިން ތިބީ އާއިލާތަކާ ދުރުގައި މަސައްކަތް ކުރާތާ އެތައް މަސްތަކެއް ވުމުން ނަފުސާނީ މައްސަލަތަކެއްގެ ތެރެޔަށް ވެއްޓިދާ ފަދަ ހާލަތެއްގަ އެވެ. ޖުމުލަކޮށް، ބުނާ ނަމަ ސިއްހީ ހިދުމަތްތެރީން މިހާރު ތިބީ "ބްރޭކެއް" ބޭނުން ވެފައެވެ. ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ "ޓެގް" ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލްތަކުގެ 70 އިންސައްތަ މިހާރު ވަނީ ފުރިފައެވެ. އަދި ސިއްހީ ހިދުމަތްތެރީން ވަރުބަލިވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކީން ހާއްސަކޮށް ކޮވިޑާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.

"ސިއްހީ ހިދުމަތުގައި ފުރޮންޓްލައިންގައި، ބަލި މީހުންނަށް އެޓެންޑް ވުމަށް ދާން ތިބި މީހުންނަށް ރޯދަ ވީއްލެނީ، 8 ވެސް ޖަހާފަހުން. ޕީޕީއީއާ އެއްކޮށް ފެން ފޮދެއް ގެ މިންވަރުވެސް ނުބޮވޭ. ހުރިހާ ގިންތިއެއްގައި މަސައްކަތް ކުރާ ފަރާތްތައް އަވަދި ވެއްޖެ! އެއީ ކޮންމެވެސް މީހެއްގެ ލޯބިވާ މަންމައެއް، ބައްޕައެއް، އާއިލާ މެންބަރެއް، ލޯބިވާ ރަހްމަތްތެރިއެއް! އަހަރުމެން ސިއްހީ ހިދުމަތްތެރީންގެ ހަށިގަނޑުގެ ގުނަވަންތަކުގައިވެސް، ވަރުބަލިކަން އިހްސާސްކުރެވެން ފަށައިފި. އެތެރެ ހަށީގެ ގުނަވަންތައް ވެސް ބުނާކަހަލަ، މަޑުޖެހިލާށޭ. ސިކުނޑި ބަލިކޮށްލައިފި. ހިތާމައަކީ މިކަމާ ވިސްނާ ވެރިއެއް އަދި މީހެއް ނޫޅޭކަން. ކަށީގެ މަދުން ހިތްވަރު ނެރެގެން މަސައްކަތް ކުރާ ޑަކްޓަރުން، ނަރުހުން, ޕަބްލިކް ހެލްތު ވޯކަރުން، ލެބްޓެކްނޮލިޖިސްޓުން، އެހެނިހެން ގިންތިތަކުގެ ސިއްހީ ހިދުމަތްތެރިން އަދި ވޮލަންޓިއަރުންގެ ދުޅަހެޔޮކަމާއި މެދު ވިސްނާ ފިކުރު ހިންގަވާން ޖެހޭ. އެމީހުންނަށް ބޭނުންވާ ސައިކޮލޮޖިކަލް ސަޕޯޓް ދޭން ޖެހޭ. ޝުކުރު އަދާ ކުރުމަކުން، މި ބޮޑު ގުރުބާނީގެ އަގު އަދާ ނުކުރެވޭ. ދަރިއަކަށް އަޅައި ނުލެވި ދޮޅު އަހަރު ވޭތުވެދަނީ. އެކުއްޖާ ތަރުބިއްޔަތަށް އިހުމާލުވެވިގެން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް. މަންމަ އަދި ބައްޕައަކީ ސިއްހީ ހިދުމަތްތެރިއަކަށް ވީނަމަ، ދަރިފުޅުގެ ހަޔާތުން، މަންމަ އަދި ބައްޕަގެ ލޯބި އަދި އަޅާލުން ބީވެ ދިޔައީ. ލޯބިވާ މައިންބަފައިންނަށް ގުޅާލާނެ ވަގުތު ނުލިބި، އެމީހުންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކަށް އިހުމާލު ވެވިގެންދަނީ. މިކަންކަމުގެ ސަބަބުން ދުރު މުސްތަގުބަލުގައި އަހަރުމެން ސިއްހީ މަސައްކަތްތެރިންނަށް ސިއްހީ އެތަކެއް މައްސަލަތަކެއް ކުރިމަތިވުން ވަރަށް ގާތް. އެވޭންވެސް ތަހައްމަލް ކުރަންޖެހޭނީ އަހަރުމެންނާއި އާއިލާ. މިއަދު އަދާ ކުރާ ޝުކުރުން, މާދަމާ ލިބޭނެ އުފަލެއް ނެތް." ސިއްހީ ހިދުމަތްތެރިއެއް އޭނާގެ އިހްސާސްތައް މީސްމީޑިއާއަށް ބަންޑުންކޮށްލަމުން ބުނެފައިވެއެވެ.

ކޮވިޑާ ދެކޮޅަށް މަސައްކަތް ކޮށްކޮށް، ސިއްހީ މާހިރުން ވަރުބަލިވެފައިވާއިރު، އެމީހުންގެ އާދޭހަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބުމެވެ. އަޅާފައިވާ ފިޔަވަޅުތަކަށް ކިޔަމަންތެރިވުމެވެ. އެންމެން ގުޅިގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްދިނުމެވެ. އިންޑިއާ ފަދަ ގައުމުތަކުގައި ކޮވިޑްގެ ހާލަތު އޮތް ހިސާބަށް ރާއްޖޭގެ ހާލަތު ނުދަނީސް ގުޅިގެން މަސައްކަތްކޮށް ކޮވިޑުން ސަލާމަތްވެފައިވާ ގައުމަށް ހެދުމަށް އެކަތިގަނޑަކަށް ވެ މަސައްކަތް ކުރުމެވެ.