ޚަބަރު

އެދުނީ މިހާރަށްވުރެ ބޮޑަށް ހަރުކަށި ފިޔަވަޅުތައް އަޅައި ބަންދުކުރަން: ޑރ. ނަޒްލާ

އަލީ އަފާފް ރަމީޒު

1

ސިއްހީ މާހިރުންގެ ފަރާތުން ހުށަހަޅާފައިވާނީ މިހާރަށްވުރެވެސް ބޮޑަށް ފިޔަވަޅުތައް ހަރުކަށިކޮށް، ބަންދުކުރުމަށް ކަމަށް ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ "ޓެގް" ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިރޭ ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެމުންދާ ކަމަށާއި އޭގެ ސަބަބުން ސިއްހީ ހިދުމަތްތެރީންވެސް ބައްޔަށް ޕޮޒިޓިވްވަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިތައް ދިމާވަމުންދާ ކަމަށް ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އެދިފައިވާނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ. އަދި ވީހާވެސް އަވަހަށް ކޮވިޑް ކޮންޓްރޯލް ވާނެ ފަދަ ފިޔަވަޅުތަކެއް އެޅުމަށް ކަމަށް ވިދާޅުވިއެވެ.

"ހެލްތު ސައިޑުން ވިސްނާއިރު، އަޅުގަނޑުމެންނަށް ދަތިކަން އެބަހުރި. އެއީ ހެލްތު ޕްރޮފެޝަނަލުން މިހާ ބައިވަރު ޕޮޒިޓިވްވަމުންދާތީ، އަޅުގަނޑުމެންގެ ނަރުހުން ރޯދަ މަހު 12 ގަޑިއިރުވެސް އެބަ ޑިއުޓީ ހަދާ. އަޅުގަނޑުމެން އަބަދުވެސް ވިސްނާނީ ހަމަ ހެލްތު ސައިޑުން. އަޅުގަނޑުމެން ބުނާނީ ހަމަ ތަންކޮޅެއް ބޮޑަށް ބަންދުކުރުން، ބަންދު ކޮށްފަ އަވަހަށް ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެން ލަފާ ދޭނީ،" ނަޒްލާ ވިދާޅުވިއެވެ.

ސިއްހީ މާހިރުންގެ ފަރާތުން ހުށަހެޅިފައިވާ ލަފާތައް އެކި ލެވެލްގައި މަޝްވަރާ ކުރެވިގެންދާ ކަމަށާއި ހާއްސަކޮށް މިއީ ރޯދަމަސް ކަމަށްވުމުން އެފަދަ ނިންމުންތައް ނިންމާފައިވަނީ އާންމުންނަށް އުނދަގޫ ނުވާނެހެން ކަމަށެވެ. އެހެންކަމުން ސިއްހީ ދާއިރާގެ ބޭފުޅުން ވިސްނާ ގޮތާ ތަފާތު ވެދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުށަހަޅާނީ ހެލްތަށް ބަލާފައި ތަންކޮޅެއް ބޮޑަށް ބަންދުކޮށް، އެއްވުން މަދުވާނޭ ގޮތްތަކަށް. އެކަމަކު އެގޮތަށް ނުނިމިދާނެ. އެއީ އެކި ލެވެލްގައި އެކި މީހުން އިކޮނޮމިކް އެކްސްޕެކްޓަށް ބަލާގޮތް ނުވަތަ، އިގުތިސޯދީ އާއި އިޖުތިމާއީ އަށް ބަލާފައި އޭތި ތަފާތު ވެދާނެ ފައިނަލްކޮށް އަންނަ އެތި، އަޅުގަނޑުމެންދޭ ލަފަޔާ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ އަބަދުވެސް ބޭނުންވަނީ ސިއްހީ ހިދުމަތަށް ބުރޫ ނާރާނޭ ގޮތަކަށް، ހިދުމަތް ދިނުމަށް ދަތިތައް ނުވުން ކަމަށެވެ. އަދި ވިދާޅުވީ ބަލި މީހާއަށް ހިދުމަތް ނުދެވި ދާތަން ދެކެން ބޭނުން ނުވާ ކަމަށާއި އެދޭނީ ވީހާވެސް އަވަހަށް ނަމްބަރު ދަށްކުރުން ކަމަށެވެ.