ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގެ އައިސީޔޫގައި ޖުމްލަ ނުވަ މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ހަ މީހަކަށް ވެކްޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ރެކޯޑް މިންވަރަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންދާ އިރު، އެންމެ ކަންބޮޑުވާ އެއް ކަމަކީ އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވުން ކަމަށެވެ.
"އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބައްޔަށް ބޭސް ކުރުމަށް ހުންނަ މެޑިކަލް ފެސިލިޓީތަކުގައި ހުރި އަދަދުތައް. 200 އެއްހާ މީހުން މިވަގުތު ހޮސްޕިޓަލައިޒް ކުރެވިފައިވޭ. އޭގެ ތެރެއިން ހަ މީހަކު މިވަގުތު ވަނީ ދަރުމަވަންތަ ހޮސްޕިޓަލު ޑީއެޗް 11ގެ ވެންޓިލޭޓަރުގައި. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު، ސިއްހީ ހިދުމަތްތެރީންގެ އަަދަދުވެސް މަދު ކަމަށާއި އެހެންކަމުން ސިއްހީ ނިޒާމަށް ކުރިއަށްވުރެ ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ.
މިއަދު އެކަނިވެސް ރާއްޖެއިން 601 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މި ފަހަކަށް އައިސް ރާއްޖޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 400 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ. އަދި މިވަގުތު 181 މީހަކަށް ހޮސްޕިޓަލުތަކުން އަންނަނީ ފަރުވާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު