ޚަބަރު

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭ ކޮވިޝީލްޑް ވެކްސިންގެ ކޮންމެވެސް ވަރެއް ރާއްޖެ ގެނެވޭވަރުވާނެ: މަބްރޫކް

އަލީ ޔާމިން

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭ ކޮވިޝީލްޑް ވެކްސިންގެ ކޮންމެވެސް ވަރެއް ރާއްޖެ ގެނެވޭވަރުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ 26،400 މީހުން އެބަތިބި ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑްގެ 1،700 ޑޯޒް ކަމަށެވެ. އެހެންކަމުން އެންމެންނަށް ވެކްސިން ދެވޭނީ އިތުރު ސްޓޮކެއް ލިބިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ ކޮންމެވެސް މިންވަރެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ދިނުން މިހާރު ހުއްޓާލައިފައިވާ ކަމަށާއި މިހާރު ހުރި ވެކްސިން ދޭނީ، ސިއްހީ ހިދުމަތްތެރީންގެ ތެރެއިން ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކާއި ހާއްސަ ހާލަތްތަކުގައި ރާއްޖެއިން ފުރަން ޖެހޭ މީހުންނާއި އެކިއެކި ބަލިތައް ހުންނަ މީހުންނަށް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް 250،000 އަށްވުރެ ގިނަ މީހުންނަށް ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވަނީ ޖަހައިފައެވެ. ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި ދެން ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ.