ޚަބަރު

ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑްގެ 1,700 ޑޯޒް: މަބްރޫކް

އަލީ ޔާމިން

ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑް ވެކްސިންގެ 1,700 ޑޯޒް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފުތާ ވެފައި ތިިބި 26،400 މީހުން އެބަ ތިބި ކަމަށާއި ނަމަވެސް އެ އެންމެންނަށް ޖަހާ ވަރަށް ރާއްޖޭގައި މިވަގުތު ކޮވިޝީލްޑްގެ ވެކްސިން ނެތް ކަމަށެވެ.

"މިހާރު ރާއްޖޭގައި ހުރީ ކޮވިޝީލްޑްގެ 1،700 ޑޯޒް،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ދިނުން މިހާރު ހުއްޓާލައިފައިވާ ކަމަށާއި މިހާރު ހުރި ވެކްސިން ދޭނީ، ސިއްހީ ހިދުމަތްތެރީންގެ ތެރެއިން ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކާއި ހާއްސަ ހާލަތްތަކުގައި ރާއްޖެއިން ފުރަން ޖެހޭ މީހުންނާއި އެކިއެކި ބަލިތައް ހުންނަ މީހުންނަށް ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ކޮވިޝީލްޑްގެ އިތުރު ސްޓޮކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ގައުމުތަކާއެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އިންޑިއާއިން ގެންނަން ނިންމާފައިވާ ކޮވިޝީލްޑްގެ 100،000 ޑޯޒްގެ ސްޓޮކް ރާއްޖެ ނުގެނެވި ވަނީ އެގައުމުގެ ކޮވިޑްގެ ހާލަތާއި ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް 250،000 އަށްވުރެ ގިނަ މީހުންނަށް ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވަނީ ޖަހައިފައެވެ. ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި ދެން ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ. މިވަގުތު ރާއްޖޭގައި ހުރީ ސިނޮފާމްގެ 137،000 ޑޯޒް އާއި ފައިޒާގެ 4،600 ޑޯޒެެވެ.