ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ، އެ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއަށް ގެނައުމަށް ދަތިތަކެއް ކުރިމަތިވެފައިވާ އިރު އެންމެ އަވަހަށްވެސް ވެކްސިން ދެން ރާއްޖެއަށް ލިބޭނީ ދެ ހަފުތާ ފަހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑުގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާ އިރު، ވެކްސިން އުފެއްދުމާއި ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމަކަށްވެސް ހުރަސްތަކަކާއި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ހާއްސަކޮށް އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ގައުމުކަމުގައިވާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19ގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން، ރާއްޖެއަށްވެސް ވެކްސިން ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ،" އެޗްޕީއޭގެ އިއުލާނުގައިވެއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭ އިން މިއަދު ވަނީ، ވެކްސިންގެ އިތުރު ޑޯޒުތައް ރާއްޖެއަށް ލިބެންދެން، އާންމުކޮށް ހުޅުވައިލައިގެން "ކޮވިޝީލްޑް" ވެކްސިން ޖަހައިދިނުން މެދުކަނޑާލައިފައެވެ. ނަމަވެސް އެމަޖެންސީ ހާލަތްތަކުގައާއި ބަލި ހާލަތު ހުރި ގޮތުން ވެކްސިން ޖަހައިދޭންޖެހޭ ފަރާތްތަކަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
"މިގޮތުން، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޝީލްޑް ބްރޭންޑުގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ،" އެޗްޕީއޭގެ އިއުލާނުގައި އިތުރަށް ބުނެފައިވެއެވެ.
އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން "ކޮވިޝީލްޑް" ބްރޭންޑްގެ 300,000 ޑޯޒް ހޯދުމަށް ފައިސާ ދައްކައި، މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ވަނީ 100,000 ޑޯޒު ލިބިފައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އިތުރު ޝިޕްމަންޓްތައް ލިބުމަށް ކުރިން އޮތީ ތާވަލުކުރެވިފައެވެ.
އޭގެ އިތުރުން ސްޓްރާޒެނެކާ ކުންފުންޏާއެކު މިދިޔަ އަހަރުގެ ޑިސެންބަރު މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެސްޓްރާޒެނެކާ ވެކްސިންގެ 700,000 ޑޯޒަށް ވަނީ ފައިސާ ދައްކައިފައެވެ. އެ ވެކްސިން ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ލިބޭނެ ކަމަށް އެޗްޕީއޭ އިން ކުރިން ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާތަނަށް ޖުމުލަ 297،639 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ދީފައެވެ. ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 108،494 އަށް އަރައެވެ.
ޚަބަރު
ޚަބަރު
ޚަބަރު