ކޮވިޑު އަދަދުތައް އިތުރުވަމުންދާނަމަ، ބަލި ކޮންޓްރޯލްކުރަން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުނަސް އެކަމަށް ސަރުކާރުން ފަހެއް ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުނަސް އަދި ލޮކްޑައުނަކަށް ދާން ޖެހުނަސް އެ ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑު ބުނިން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ވިޔަސް، ގައުމަކުން ރާއްޖެއަށް މީހުން އައުން ހުއްޓުވަން ވިޔަސް، ލޮކްޑައުނަކަށް ދާން ވިޔަސް، އެކަންކަމަކީ ކުރަން ޖެހިއްޖެނަމަ ކުރަން ތައްޔާރަށް ތިބި ކަންކަމޭ. ކުރެވެން ހުރި ކަންތައްތަކުގެ ތެރެއިން، ރާއްޖޭގެ ކޭސްލޯޑަށް ބަލައި، މިވަގުތު ކޭސްތައް އަންނަ ކްލަސްޓާތަކަށް ބަލައި، މިވަގުތަށް އަޅަން ފެންނަ ފިޔަވަޅުތައް މިހާރު މިހުރީ އެޅިފައި. އިތުރު ފިޔަވަޅުތައް ވިޔަސް، ލުޔެއް ވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާންކުރެވެމުން ދާނެ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މާދަމާ ވެސް އިތުރު ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ރާއްޖެއިން ކޮވިޑު ފެނުނު ފުރަތަމަ ދުވަސްވަރު ވެސް އެގޮތަށް ފިޔަވަޅުތައް ބަދަލުވަމުންދިޔަ ކަމަށެވެ. އަދި ފިޔަވަޅުތައް އަޅައި، ލުއިތައް ދިނުމަށް ކޮންމެ ދުވަހަކު ވެސް މޮނީޓާކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.
"ފިޔަވަޅުތައް އެޅުމަށް ގެންގުޅޭ މެކޭނިޒަމަށް އެއްވެސް ބަދަލެއް ނާދޭ. އަދި އެކަމުގައި ގެންގުޅޭ ވިސްނުމަކަށް ވެސް ބަދަލެއް ނާދޭ. ކުރިން ވެސް އެ މަސައްކަތްކުރަމުން އައި ގޮތަށް އެ މަސައްކަތްކުރެވެމުން މިދަނީ. މިއަދު އިއުލާންކުރަން ނުވަތަ މިއަދު އަޅަން ޖެހޭ ފިޔަވަޅުތަކުގެ ވާހަކަ އަޅުގަނޑު މިދައްކަނީ. ލޮކްޑައުނަކަށް ދިއުމުގެ ޕޮސިބިލިޓީ، ކޭސްތައް މައްޗަށް ދާނަމަ އެބައޮތް. އަދި ޕޮސިބިލިޓީއެއް ހުއްޓުވާކަށް ވެސް ވިސްނުމެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވަމުން ދިއުމާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މާލެ ސަރަހައްދުގައި މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި، ސްކޫލުތައް ބަންދުކުރުމާއި، ސަރުކާރު އޮފީސްތައް ބަންދުކުރުން ހިމެނެއެވެ. އޭގެ އިތުރުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ އެންމެން ވެސް ދިހަ ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
މިއަދަކީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 400 އިން މައްޗަށް އެރުމަށްފަހު، އިއްޔެއިން ފެށިގެން އަދަދުތައް އުޅެނީ 500 އިން މަތީގައެވެ. ރާއްޖޭގައި މިއަދު ޕޮޒިޓިވްވީ 585 މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 31،330 އަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު