ކްލެމެންސީ ބޯޑަށް ހުށަހަޅާ ބައެއް ސިޓީ ތަކާއި މައްސަލަތަކަށް އަހަރެންވާ އިރުވެސް ޖަވާބެއް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބުނެފި އެވެ.

ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ކޮމިޓީގެ މުގައްރިރު މާފަންނު މެދު ދާިއރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ހުކުމްކޮށް ޖަލުގައި ހައްޔަރު ކުރާ މީހުންނަށް ކްލެމެންސީ ލިބުން ލަސްވާ މައްސަލައިގައި އެ ކޮމިޓީއަށް ސިޓީތައް އޮހެމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އެކަން ބަލައި އެކޮމިޓީން ދިރާސާކޮށް ސަރުކާރަށް އެކަން ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، އެކަމާބެހޭ ގޮތުން ފޮނުވާ ސިޓީއަށް ސަރުކާރުން ޖަވާބު ނުދީ އަހަރު ދުވަހާ ހަމަސް ދުވަސް ނަގާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ކޮމީޓީން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކްލެމެންސީ ބޯޑު ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ، ކްލެމެންސީ ބޯޑުގެ ޗެއާއަކީ ބަންޑާނަ ނާއިބު އިބްރާހިމް ރިފްއަތު ކަމަށާއި ނަމަވެސް ކްލެމެންސީ ލިބުން ލަސްވުމުގައި ގާނޫނީ ހުރަސްތަކެއް ހުރިކަން އޭޖީ އެއްބަސްވެ ވަޑައިގެންފައިވާ ކަަމަށެވެ.

އަދި އެކަމާ ގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަރީ ކޮމިޓީން އެކުލަވައިލި ރެކޮމެންޑޭޝަންތަކުގައި ހިމަނައިގެން ސަރުކާރަށް ހުށަހެޅި ނަމަވެސް އެކަމާބެހޭ އެއްވެސް ބިލެއް މަޖިލީހަށް ފޮނުވާފައިނުވާ ކަމަށް ވިދާޅުވިއެވެ.