ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ

މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް ލަސްވީ ބަންޑާރަ ނައިބުގެ ސަބަބުން: އިންތި

އިބްރާހިމް ޒަކީ

މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް ލަސްވީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ތުހުމަތު ކޮށްފި އެވެ.

މީގެ އަހަރު ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި، މަދަނީ އިޖުރާއަތުގެ ބިލު މަޖިލީހުން ނިންމާފައިނުވުމަކީ، އިންސާފުވެރިކަމާއެކު ގެއްލުމުގެ ބަދަލު ދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމެއް ކަަމަށް ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފު ރޭ ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ކޮމިޓީގެ މުގައްރިރު، މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީގެ މަސައްކަތްތަކުގެ ސަބަބުން އިންސާފު ލިބުމަށް ހުރަސް އެޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަންކަން ލަސްވަނީ އެކަމާ ގުޅޭ ބިލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވާތީ ކަމަށެވެ.

އެގޮތުން އިންތި ވިދާޅުވީ، އަފީފު ފާހަގަކުރެއްވި މަދަނީ އިޖުރާއަތުގެ ބިލު މަޖިލީހަށް ފުރަތަމަ ފޮނުއްވީ އެކި ބައި ބަޔަށް ކަމަށާއި އޭގެ ތެރޭގައި ނުބައި ވާޝަންތައް ހިމެނުމާއެކު އެކި ފަހަރު މަތިން އޭގެ ފުރިހަމަ ބިލު މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލްގެ އޮފީހުން އަހަރެއްހާ ދުވަސް ނެގި ކަމަށެވެ. އެންމެ ފަހުން އޭގެ ފުރިހަމަ ބިލެއް މަޖިލީހަށް ފޮނުއްވީ، 4 ނޮވެމްބަރު 2020 ގައި ކަމަށް އިންތި ވިދާޅުވިއެވެ.

"ކޮމިޓިއަށް ބިލު ލިބުނީ 12 ފެބްރުއަރީ 2020 ގައި އެ ބިލު ދިރާސާކުރަން ފަށާފައި ވަނިކޮށް، ބަންޑާރަ ނާއިބު އޮފީހުން ރިކުއެސްޓު ކުރި އެއީ ރަނގަޅު ވާޝަނެއް ނޫން ކަމަށް. ދެން ބުނެފި ރަނގަޅު ވާޝަން މަޖިލީހަށް ފޮނުވައިދޭނެ ކަމަށް. އެގޮތުން 14 ޖުލައި 2020 ގައި ފުރަތަަ ބައި މަޖިލީހަށް ފޮނުވި. އެއީ ފުރަތަަ ބާބާއި ދެވަނަ ބާބު، އެއަށްފަހު 20 ޖުލައި 2020ގައި އެބިލަށް ސަރުކާރުގެ ފަރާތުން ކޮމެންޓަށް ފޮނުވައި، އާއްމުންނަށް ކޮމެންޓް ކުރުމަށާއި ހިޔާލު ހުށަހެޅުމަށް ހުޅުވައިލިން، 13 އޮކްޓޫބަރު 2020ގައި ބިލުގެ މަސައްކަތް އެއްކޮށް ނިންމާފައި ވަނިކޮށް، 18 އޮކްޓޫބަރު 2020ގައި އެ ބިލު އެއްކޮށް ނިންމައި ރަނގަޅު ވާޝަން ފޮނުވާނެ ކަމަށް އޭޖީ އޮފީހުން ބުނީ. ނަމަވެސް އެ ތާރީހުގައި ބިލު ނުފޮނުވުމުން ކޮމިޓީގައި ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދުނު. ކޮމިޓީން ނިންމީ ބިލުގެ ރަނގަޅު ވާޝަން ނުފޮނުވުމުން ބިލު ދިރާސާ ކުރެވެން ކަމަށް ބިލު މަޖިލީހުން ބޭރުކޮށްލަން ތަޅުމަށް ނުފޮނުވީ. ސަރުކާރު އިންބެރެސްމެންޓަކަށް ހިނގައިދާނެތީ، އެއަށްފަހު 20 އޮކްޓޫބަރު 2020 ގައި ބިލު ފޮނުވުނީ ޗެޕްޓާއެއް މަދުން ކަމަށްވާތީ 25 އޮކްޓޫބަރު 2020 ގައި ފޮނުވާނަމޭ ބުނި. އެއަށްފަހު 28 އޮކްޓޫބަރު 2020ގައިވެސް ތާރިހު ދެއްވި، އެންމެ ފަހުން ބިލުގެ ރަނގަޅު ވާޝަން ފޮނުވީ ހަތަރެއް ނޮވެމްބަރު 2020 ގައި،"

އިންތި ވިދާޅުވީ، އެ ދުވަސްވަރަކީ މަޖިލިސް ރިސެސްއަށް ދިއުމަށްޓަކައި ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދިޔަ ވަގުތު ކަމަށާއި ނަމަވެސް އެކަމަށް ހާއްސަ ކޮށްގެން ޖުޑީޝަރީ ކޮމީޓީގެ ބައްދަލުވުންތައް ޕެންޑަމިކުގެ ތެރޭގައި ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ބިލުގެ އިތުރުން އިންސާފު ހޯދައި ދިނުމަށް ބޭނުންވާ އެތައް ގާނޫނަކާބެހޭ ބިލުތައް މަޖިލީހުގެ މިއަަހަރުގެ ފުރަތަމަ ދައުރަށް ފޮނުވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވި ނަމަވެސް އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ރިސެސްއަށް ދިޔައިރުވެސް އެކަން ކޮށްފައިނުވާ ކަމަށް އިންތި ވިދާޅުވިއެވެ.